ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި މާލޭ ރައްޔިތުންނަށް ވައުދުތަކެއް ވާކަމަށެވެ. އެގޮތުން ޖާބިރަކީ ވެސް މާލޭގައި ގެދޮރު ހުރި މާލޭ މީހެއްކަން ފާހަގަކޮށްފައިވެއެވެ.
ޖާބިރު ވިދާޅުވީ މާލޭގެ ކުދިކުދި ތަންތަނުގައި ދިރިއުޅޭ މީހުންގެ ވާހަކަ އާ ބަލި މަޑުކަމާއި ގުޅޭ ގޮތުން ތަކުރާރުކޮށް އެމްޑީޕީގެ މެނިފެސްޓޯގައި ވާހަކަ ދައްކަމުން ގެންދާކަމަށެވެ. އަދި އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ލިބިގެންދާއިރު ވެސް އެކަމަށް ހައްލެއް ނުލިބިފަައި ވަނީ ކީއްވެތޯ ޖާބިރު ސުވާލު ކުރެއްވި އެވެ.
މާލޭގެ ވަށައިގެންވާ ހުސްބިންތަކާ ހުޅުމާލޭގައި ހުރި ބިންތައް އެއީ ކޮންބަކަށް ދޭން ބަހައްޓާފަ ހުރި ބިންތަކެއްތޯ ވެސް ޖާބިރު ސުވާލު އުފެއްދި އެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ މާލޭ ބޭފުޅުން ކަމަށާއި މިހާރު ހުންނެވީ ހިންނަވަރު ބޭފުޅެއް ކަމަށެވެ. ނަމަވެސް ހިންނަވަރަށް ނިސްބަތްވާ ރައީސް ވެސް ދިރިއުޅުއްވަނީ މާލޭގައި ކަން ޖާބިރު ފާހަގަކުރެއްވި އެވެ.
އެހެންވީމަ ލަސްނުކޮށް އެ މައްްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ގަބޫލްކުރަައްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ މައި ހަބަކީ މާލޭ ކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އެކަކު ގައިގައި މަތީގައި އަނެކަކު ނިދާ ވާހަކަ ކުރިން ވެސް ދެއްކި ކަމަށެވެ. އަދި ކުރީގެ ރައީސް މައުމުން ވެރިކަމުގައި ވަރަށް ބާރަށް އެ ވާހަކަ ދެކެވުނު ކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭގެ އިތުރުން ޖާބިރު ވިދާޅުވީ މާލޭ ރައްޔިތުން ކޮތަރު ކޮށީގައި ބައިތިއްބައިގެން ނުވާނެ ކަމަށާއި އެއީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ.