ރާއްޖޭގައި މިހާރު ބޭނުންކުރަނީ ވޮލެޓަށް ލެވޭ ގޮތަށް ގެންގުޅޭ އައިޑީ ކާޑެެވެ. ނަމަވެސް ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރެވިއްޖެނަމަ ފޯނުން އައިޑީކާޓުގެ ހިދުމަތް ހޯދޭނެއެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ބޭނުންކުރާ ހިދުމަތެކެވެ.
ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން ކަމަށާއި ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއްހެން މިހާރު އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށެވެ.
ފައިސާގެ މުއާމަލާތްތަކާއި، ޤައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ހިދުމަތްތައްވެސް އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުންކަން ފާހަގަކުރަމުން ރައީސް ސޯލިހް ވިދާޅުވީ، އެހެންކަމުން، ރާއްޖޭގައިވެސް ވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފައި ކަމަށެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތަޢާރުފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރަމުން ރައީސް ވިދާޅުވީ، އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ކަމަށެވެ.
ޑިޖިޓަލް ހިދުމަތް ތަޢާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް ކަމަށާއި، އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެހެންކަމުން، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން ކަން ފާހަގަކުރަމުން ރައީސް ވިދާޅުވީ އޭގެ އިތުރުން ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ޑިޖިޓަލްކޮށް ހިދުމަތް ފޯރުކޮށްދިނުމާއި ހިދުމަތް ލިބިގަތުމުގެ މުހިންމުކަން އެންމެ ބޮޑަށް ކަށަވަރުވެގެންދިޔައީ ކޮވިޑް-19ގެ ދަތިކަމުގައި މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި ކަމަށާއި، ވިޔަފާރިއާއި އިޤްތިސާދީ ކިތަންމެ މުއާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުން ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ ހިދުމަތްތައްވެސް ދެމުން އައީ އޮންލައިންކޮށް ކަމަށް ވިދާޅުވިއެވެ.