ސިވިލް ސާވަންޓުން މުސާރައިގެ ތަފާތުކުރުން ހުރުމާއެކު އެކަމާ ކަނބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަޅު ހެދުމުގައި ނުކުމެ އަމާން އިޖުތިހާދެއް އިއްޔެކޮށްފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.
"އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ. މި އާ ޕޭ ފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި އެއްހަމަ މިންގަނޑަކުން މުސާރަ އާއި އިނާއަތްތައް ކަނޑައެޅިގެން ދާނެ. މި ޕޭ ފްރޭމްވޯކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅާ ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެން ދާނެ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތުގައި ވެސް ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ދީފައިވާކަން ފާހަގަކޮށްފައިވާއިރު، މިނިމަންވޭޖެއް ކަނޑަ އަޅަައި މި އަހަރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން ބުނީ އެ މިނިމަންވޭޖްގެ ސަބަބުންނާއި އަލަށް އެކުލަވާލާ އާ ފްރޭމްވޯކްގެ ސަބަބުން ސިވިލް ސާރވަންޓުންގެ މުސާރައިގެ ކަންބޮޑުވުން ހައްލު ވެގެންދާނެ ކަމުގެ ޔަގީން ކުރާ ކަމަށެވެ.
ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ހިމެނެ އެވެ.