ރައީސް ޔާމީން އެދިވަޑައިގެންނެވި ފަދައިން ސިއްހަތައް ރިއާޔަތްކޮށް އެމަނިކުފާނަށް ގެއްލުން ނުވާނެ ގޮތަކަށް ކުރިއަށް ގެންދަން ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމިކަން އިއުލާނުކުރި އިރު މިިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑު އެހުމުގައި ރައީސް ޔާމީނު ވަނީ ގިނަ އިރު އިށިއިނދެވަޑައިގެން އިންވަން ޖެހިވަޑައިގަންނަވާތީ އެކަމުގެ ސަބަބުން އެމަނިކުފާނަށް ގެއްލުންވަމުންދާކަން ފަނޑިޔާރުންގެ ބެންޗުގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް ކަމަށާއި، ހަގީގަތުގައި ދެ ގަޑިއިރުވަންދެންވެސް ގޮނޑިއެއްގައި އިންނަވަން އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ. އަދި ކުރިއަށް އަޑުއެހުންތައް ވެސް އޮތީ ފަސް ގަނޑިއިރަށް ކަމަށް ވާތީ ޝަރީއަތުގައި އެހާ ގިނަވަގުތު އިންނެވުން ނުހަނު ދަތިފުޅުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ހުށަހެޅުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުމުން ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ބްރޭކަށް ދިއުމަށް ފަހު އަންނައިރު އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ފަނޑިޔާރުންގެ މަޝްވަރާތަކަށް ފަހު ދެވަނަ ސެޝަން ފެށުމަށް ފަހު ފަނޑިޔާޒު މަހާޒު ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުއްވުމަށް އަންގަވާފައެވެ. އަދި ކޯޓަށް ލިޔެކިޔުންތައް ލިބުމުން ޝަރީއަތުން އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ފަދައިން، އެމަނިކުފާނު ސިއްހީ ކަންކަމަށް ބެއްލެވުމަށް ފަހު މީގެ ކުރިން މެންދުރު ފަހަށް ތާވަލުކޮށްފައިވާ އަޑުއެހުންތައް މިހާރު ތާވަލްކޮށްފައިވާ ގޮތައް ކުރިއަށް ނުދާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި މައްސަލަ ކުރިއަށް ދާ ދިއުމުގައި، މެންދުރު ފަހަށް ތާވަލް ކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ. މާ ބޮޑަށް ދިގުލައިގެން ގޮސް އަނެއްކާވެސް ތާވަލުން ޖާގަ ނުލިބޭކަމުގައި ވާނަމަ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.
އޭގެ އިިތުރުން ފަނޑިޔާރު މަހާޒް ވަނީ ވަަގުތު ނަގާނުލާ ކުރީ ދުވަހު އިސްތިއުނާފީ ނުކުތާތައް ގެންދެވުނު ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
މިހާރު ކުރިއަށް ދަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ޖަވާބުދާރީ ވުމެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާ ވަނީ ހުށަހަޅާފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާ އެވެ.