މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވުމަށް މަސައްކަތް ކުރެއްވީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާނުކުރެއްވީތީ ހިތާމަކުރައްވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ސެކްރެޓޭރިއަޓުން އެ މައްސަލަ ބަލައިނުގަތީ ކުއްލި މައްސަލަ ހުށަހެޅުމުގެ ގަވައިދަށް ނުފެތޭތީ އެވެ. ކުއްލި މައްސަލައެއް ހުށަަހެޅޭނީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ހިނގަމުންދާ ކަމަކާ ގުޅޭ ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އެކަމަކު އާދަމް ޝަރީފް ހުށަަހެޅުއްވި މައްސަލަ މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައި އޮތީ އަލީ ވަހީދު ކުރެއްވި ތުހުމަތުތަކަށެވެ.
މައްސަލާގައި ބުނެފައިވަނީ މިހާރުގެ ރައީސް ސޯލިހް، އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދިރިއުޅުއްވި ރެހެންދި ފްލެޓަށް ވަޑައިގެން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެންދެވި ކަމަށާއި އެކަން ސާބިތުވާނެ ސީސީޓީވީ ފްޓޭޖު ހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އަދީބްގެ ގާތް އެކުވެރިއެއް ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) ދިން ބަޔާނުގައި ރައީސް ސޯލިހް، އަދީބް އަތުން ފައިސާ ގެންދެވި ކަމަށް ބުނާ ބައިތަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކޮށް، ރައީސް ސޯލިހުގެ ނަން ތަހުގީގު ބަޔާނުން އުނިކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންވެ ކުއްލި މައްސަލާގައި އެދިފައިވަނީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުން ރައީސް ސޯލިހް އެކަހެރިވެވަޑައިގަތުމަށެވެ. އަދި ފުލުުހުންނާއި އޭސީސީން އިންސާފުވެރި، ހަފުށް ފެންނަ ގޮތަކަށް މައްސަލަ ތަހުގީގުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ކުރާ ތުހުމަތުތައް ރައީސް ސޯލިހް ވަނީ މީގެކުުރިން ތަކުރާރުކޮށް ދޮގުކުރައްވާފަ އެވެ. ކޮރަޕްޝަންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި އެމަނިކުފާނު "ކޮމްޕްރޮމައިޒް" ކުރެވޭ ވަރުގެ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނުހުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.