މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ސާފު ސްޕްރައިޓް ފުޅި ރާއްޖޭގައި ރަސްމީކޮށް ނެރުނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިޘާ ހައްލުކުރުމުގައި ކޮކާ-ކޯލާގެ ޒިންމާއެއް އޮތް ކަމުގައި އެކުންފުނިން ދެކެއެވެ. އެހެންކަމުން، 2018 ގައި ކޮކާ-ކޯލާ އިން ވަނީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ. ޕެޓް ފުޅި އާއި ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ތެރެއިން އެންމެ ލުއި އަދި އެންމެ ފުޅާދާއިރާއެއްގައި ރީސައިކަލް ކުރާ ބާވަތްތަކެވެ.
ސްޕްރައިޓުގެ އާ ޕެކޭޖިންއެއް ތައާރަފްކުރަންޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، "ފަސޭހައިން ފުޅި ރީސައިކަލްކޮށް އަދި ތަފާތު އެއްޗެއްސަށް ބަދަލުކުރެވޭނެކަން އެނގިތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާކްލިން ލެމަން-ލައިމް ބުއިމުގެ މީރު ރަހަ އެއްވެސް ބަދަލެއް ނައިސް މިހާރު ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.
1960 ގައި ސްޕްރައިޓް ތައާރަފްކުރީއްސުރެ މިއަދާ ހަމައަށް ވެސް ސްޕްރައިޓް މަޝްހޫރު ވެފައިވަނީ ފެހި ފުޅިންނެވެ. ފުޅި ބަދަލުކުރުމަކީ ވަރަށް ބޮޑު ބަދަލެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރޭންޑު ކުރިއެރުވުމަށް ވެސް މުހިންމު ބަދަލެކެވެ. ސާފު ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ. ސާފު ސްޕްރައިޓް ފުޅިއަކީ 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއެކެވެ. މީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެ އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ކޮކާ-ކޯލާގެ "އަ ވާލްޑް ވިތައުޓު ވޭސްޓް" މަޝްރޫއަކީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ. ސްޕްރައިޓުގެ ސާފު ފުޅީގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުޕަމާކެޓުތަކާއި ރީޓެއިލް ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީން ބުނެއެވެ.