ads
މިނިސްޓަރު އިމްރާން މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ
އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނުހުންނާނެ، ނުވެސް ބަހައްޓާނަން: އިމްރާން
އަދާލަތު ޕާޓީގައި އެއްވެސް ޓެރަރިސްޓެއް އަދި ހަރުކަށި ފިކުރުގެ މީހަކު ނުހުންނާނެ ކަމަށާއި އަދި ނުވެސް ބަހައްޓާނެ ކަމަށް ހޯމް މިނިސްޓަަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތުޕާޓީގައި ނުބަހައްޓާނެ ކަމަށާއި އެފަދަ މީހަކު ހުރިކަން އެނގިއްޖެ ނަމަ ވަކިކުރާނެ ކަމަށެވެ.

" ޓެރަރިސްޓަކު އަދި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެ މީހަކާ މެދުގައި ފިޔަވަޅު އަޅަން ޖެހޭ މީހަކު އަދާލަތު ޕާޓީގައި ބަހައްޓައިގެން އަޅުގަނޑުމެން ނުތިބޭނަން، އަދި އެފަދަ ފަރާތެއް ހުރިކަން އެނގިއްޖެ ނަމަ އެމީހެއްގެ މެންބަރުކަން އަދާލަތު ޕާޓީގެ ކޮމިޓީތަކުގެ ތެރެއިން އަޅުގަނޑުމެން ނިގުޅައިގަންނާނަން"  އަދާލަތު ޕާޓީގެ ރައީސް ވިދާޅުވި އެވެ.

އިމްރާން މިގޮތަށް ޖަވާބު ދެއްވީ އެ ޕާޓީގައި ހަރުކަށި ފިކުރުގެ މީހުން ތިބޭ ކަމަށް ތުހުމަތު ކުރައްވައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ. ޖާބިރު ވިދާޅުވީ އެފަދަ މީހުންނާ އެކު އަދާލަތު ޕާޓީގައި ހުންނަވައިގެން، ހަރުކަށި ފިކުރާ ދެކޮޅަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެޅުއްވޭނެ ފިޔަވަޅެއް އެބައޮތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ފުރަތަމަ ސުވާލު ކުރެއްވީނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއެވެ. އޭނާ ސުވާލު ކުރެއްވީ ފުލުހުންގެ ބޯޑުން ހަތް އޮފިސަރަކު ވަކި ކުރަން ނިންމި ނިންމުމުގައި ހޯމް މިނިސްޓްރުގެ ހައިސިއްޔަތުން އެއްވެސް ނުފޫޒެއް ފޯރުވާފައި ވޭތޯއެވެ. 

އިމްރާން ވިދާޅުވީ އެކަމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް