
މިއީ، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު މާލެ ސަރަހައްދުން ބޭރުގައި ގާއިމްވެގެން މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އޭރުގެ ގައުމީ އިދާރާ ތަކުގައި މަސައްކަތް ކުރެއްވުމަށްޓަކައި ސްޓޭޓް މިނިސްޓަރުން އަންޔަން ކުރެވުނެވެ.
ސޯބެ އައްޑޫ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ސޯބެއަކީ ހިންގުންތެރި އަދި ގާބިލް ބޭފުޅެއް ކަމަށާއި، އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއްބޭފުޅާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އައްޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ޔުނިޓެއް އުފައްދައި އެ ތަނުގައި އެންމެ އިސްކޮށް ހުންނަވާނީ ސޯބެ ކަމަށެވެ. އޭގެ އިތުރުން ވެސް ޕްލޭނިންގެ މަސައްކަތްތައް ކުރައްވާނެ ސަރުކާރުން ބުނެއެވެ.
އައްޑޫގައި މި ވަގުތު ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މަގުތައް ހެދުމެވެ. އޭގެ އިތުރުން ވެސް އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަޝްރޫއުތަކެއް ހިންގަ އެވެ.
ސޯބެ ވަނީ އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަން ތިން ދައުރު ކުރައްވައިފަ އެވެ. ހަތަރު ވަނަ ފަހަރަށް ޕާޓީގެ ޓިކެޓު ހޯއްދަވަން ކުރިމަތިލައްވައިގެން ލިބިވަޑައިގަތީ ނާކާމިޔާބެވެ. ޕާޓީގެ ޓިކެޓާއެކު އައްޑޫގެ މޭޔަރުކަން ހޯއްދެވީ އަލީ ނިޒާރެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ހާސިލު ކުރައްވާފައިވާ ސޯބެ ވަނީ އައްޑޫގައި ވަރަށް ގިނަ ދުވަސްވަންދެން ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.