އެ ބޯޑުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ ސަރުކާރުގެ މުވައްޒަފުންނަށާއި، މެންދުފަންތީގެ ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރިތަކަށެވެ.
އެ ބޯޑުން ނިންމާފައިވަނީ
- ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރަ އަކީ ދާއިމީ މުވައްޒަފަކަށް 7000ރުފިޔާ ކަމަށް އެއީ ހަ ގަޑިއިރުގެ މަސައްކަތައް
- ކުދި ވިޔަފާރިތަކުން، ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ އަކީ 5،700 ރުފިޔާ ކަމަށް. އެއީ ދުވާލަކު އަށް ގަޑިއިރުގެ މަސައްކަތައް
- މެދުފަންތީގެ ވިޔަފާރިތަކުން، ދޭން ޖެހޭ އެންމެ ކުޑަ އުޖޫރައަކީ 8،000 ރުފިޔާ ކަމަށް. އެއީ އަށް ގަޑިއިރުގެ މަސައްކަތައް.
- ބޮޑެތި ވިޔަފާރިތަކުން، ދޭން ޖެހޭ އެންމެ ކުޑަ އުޖޫރައަކީ 10،200 ރުފިޔާ ކަމަށް
މައުލޫމާތު ލިބޭ ގޮތުގައި އެ ބޯޑުން އެ ނިންމުން ނިންމީ ރޭގެ ވަގުތެއްގައެވެ. މިނިމަމް ވޭޖް ބޯޑުން އެ ނިންމުން ފާސްކޮށް މިނިސްޓަރަށް ހުށަހަޅަން ރޭ ވަނީ ނިންމާފައެވެ. އެގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފާ ފާސްކުރާ ހިސާބުންނެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެއެވެ.
ރޭ އެ ބޯޑުން ނިންމި ނިންމުމުގައި އެންމެ ދަށް އުޖޫރަ ކަނޑައަޅާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ އަދި ވަނީ ކަނޑަނާޅަ އެވެ. މީގެ އިތުރުން އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް އަދި ކަނޑައެއް ނާޅަ އެވެ.
ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ ބޭއްވި ކައުންޓްޑައުން އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައިކަން ހާމަކޮށްފައެވެ. އަދި އެންމެ ކުޑަ އުޖޫރަ މި މަހުގެ 10 ގައި ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.
މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅޭ ބިލުގައި ވަނީ މިނިމަމް ވޭޖް 9 ދާއިރާއަކުން ކަނޑައެޅުމަށް ހިމަނާފައެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއެވެ.