ads
އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ރާއްޖެއިން އެންމެ ގިނައިން ފެނިފައިވަނީ "އިންފްލުއެންޒާ އޭ"
ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައިވާ އިންފްލެންޒާގެ ބާވަތަކީ "އިންފްލުއެންޒާ އޭ" ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
Advertisement

އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ. އަފްޒަލް ވަނީ ރާއްޖޭގެ މިވަގުތު އިތުރުވަމުން އަންނަ އިންފްލުއެންޒާ ވައިރަސް އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި އޮކްޓޯބަރު މަހުގައި ކޭސްތަކުގެ އަދަދު ގިނަވާ ކަން ފާހަގަވެފައިވާ ކަމަށާއި މިހާލަތަކީ ބޮޑު އައުޓްބްރޭކަކަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތުކަމަށް އޭނާ ވިދާޅުވި އެވެ. 

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެންމެ ގިނައިން އިންފްލުއެންޒާ ޖެހިފައިވަނީ އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދު މީހުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބަލިޖެހިފައިވަނީ އުމުރުން ހަ އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރައިގެ ކުޑަކުދިންނެވެ. 

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް ފަދައިން އިންފްލުއެންޒާ ވެސް އެންމެ ގިނައިން ޖެހޭ ކަމަށް ފާހަގަވެފައިވަނީ ބޭރުގައި ގިނަ ވަގުތު އުޅޭ އުމުރު ފުރައިގެ މީހުންގެ މެދުގައި ކަމަށެވެ. އެހެން ކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ބަލަން ޖެހޭނީ އެ އުމުރުފުރައިގެ މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވި އެވެ. 

އަދި މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ބާވަތަކީ "އިންފްލުއެންޒާ އޭ" ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. "އިންފްލުއެންޒާ ބީ" ފެނިފައިވަނީ ވަރަށް މަދުން ކަމަށާއި "އިންފްލުއެންޒާ އޭ"ގެ "އެޗް 5" ޓައިޕްވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ. 

ޑރ. އަފްޒަލް ވިދާޅުވީ އިންފްލުއެންޒާ ކޭސްތައް އިތުރުވި ނަމަވެސް މުޅި ޖުމްލަ އަދަދަށް ބަލާއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު މަދު ކަމަށެވެ.

އެއްވެސް ވަރަކަށް ރޯގާ އަދި ހުމުގެ އަލާމާތެއް ހުރި ނަމަ ހޮސްޕިޓަލަކަށް ދިއުމުގެ ބަދަލުގައި ލަސްނުކޮށް ފްލޫ ކްލިނިކަކަށް ދިއުމަށް އަފްޒަލް އަފްޒަލް އެދުނެވެ.

މިހާލަތުގައި ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވްވާ މީހުން އިންފްލުއެންޒާއަށް ޓެސްޓު ކުރަމުން އަންނަ ކަމަށް އަފްޒަލް ވިދާޅުވި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް