ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީހް ނަމާދުކުރުމަށް ރާއްޖެއަށް ހާފިޒުން ގެނައުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމަށް ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތަށް ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

Advertisement
ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީހް ނަމާދުކުރުމަށް ރާއްޖެއަށް ހާފިޒުން ގެނައުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމަށް ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތަށް ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) މިއަދު ބުނީ ކައުންޓަ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއް ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވުނު ކަމަށެވެ.
އެންސީޓީސީން ބުނީ މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ މިއަހަރުގެ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީހް ނަމާދުކުރުމަށް ހާފިޒުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމުގެ ގޮތުން ހާފިޒުން ގެނައުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މިގޮތުން ގެނެވޭ ހާފިޒުންނަކީ ކަމަށް އެކަށީގެންވާ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް އެންސީޓީސީން މައުލޫމާތުދެ އެވެ. އަދި މިކަން ހަރުދަނާ ގޮތެއްގައި ގެންދިއުމަށްޓަކައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީއެއް ކަނޑައަޅާފައިވާ ކަމަށްވެސް މައުލޫމާތުދެ އެެވެ.
މިކޮމިޓީގައި ހިމެނޭ އިދާރާތަކަކީ އިސްލާމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، އެމްއެންޑީއެފް، ޕޮލިސް، މޯލްޑިވްސް އިމިގްރޭޝަން އަދި އެންސީޓީސީ އެވެ.
އެންސީޓީސީން ބުނީ މިއަހަރު އެކުލަވާލާ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާ މެދުގައި ވެސް މަޝްވަރާކުރެވުނު ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާމުވެ ތަރާވީހް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް ދިވެހި ހާފިޒުންގެ ބޭނުންކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް އެންސީޓީސީން ވަނީ ބުނެފަ އެވެ.
ރަމަޟާން މަހަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތަށް ސަބް ކޮމިޓީއެއް އެކުލަވާލާފައި މިވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ކަންބޮޑުވާ ދަރަޖައަކަށް ތިބި ކަމަށް މީގެކުރިން ސަލާމާތީ އިދާރާތަކުން ހާމަކޮށްފައިވާތީ އެފަދަ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅަމުންދާ ވަގުތެއްގަ އެވެ.