އެމައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ހަމައެކަނި ޕްރައިވެޓް ކުންފުނިތަކާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ތަކަށް ބަލައި ލޯނުދިނުމަށް ބޭންކުތަކުން ޖެހިލުންވަމުންދާ ކަމަށެވެ. އެހެންވެ އެފަދަ ކުންފުނިތަކަށް ސޮވަރިން ގެރެންޓީ ލިބޭނެ ގޮތް ހަމަޖެހޭތޯ ރައްޔިތުންގެ މަޖިލީހުން ބާރުއަޅައިދިނުމަށް އެދި މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
34 މެންބަރުން ހާޒިރުވެ ވަޑައިގެންނެވި މިއަދުގެ ޖަލްސާގައި އެ މައްސަލަ ބަލައިގަންނަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ. ހަތަރު މެންބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 26 މެންބަރުްނެވެ.
އެހެންކަމުން މިމައްސަލަ ބަލައިގަންނަން ފާސްވުމަށް 14 މެންބަރުންގެ ތާއީދު ބޭނުންވި ނަމަވެސް އެއަދަދަށް ވޯޓު ލިބިފައި ނުވުމާ ގުޅިގެން އެމައްސަލަ ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.
މައްސަލަ ހުސަހަޅުއްވަމުން ޖާބިރު އިތުރަށް ވިދާޅުވީ އަދި ކޮވިޑާއެކު ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓައް ހުއްޓި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ބޮޑެތި ވިޔަފާރިވެރިންނާއި ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.
"އިގްތިސޯދަށް ގެއްލުންދެނިވި އުސޫލުން ސަރުކާރުގެ އަމަލުތައް ހުރި ހިނދު ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން އެކަނި ބަލައިގެން ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވޭ. ފައިނޭންސް ހޯދަން ނިިހާޔަތަށް އުނދަގޫވޭ. ދިވެހިރާއްޖެއިން ބޭރުން ފައިސާ ހޯދުން ނޫން ގޮތެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް ރަހުނުގެ ގޮތުގައި އަގު ބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތުކަން ހުރި އަދި އެހެންވެސް ޝަރުތުތައް ހަމަވާ ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށެވެ.