ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ ޝާހިދު: އާދަމް ޝަރީފް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓާއި ވާދަކުރައްވާނެ ސިޔާސީ ލީޑަރަކީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ

ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ޝާހިދަކީ ތަޖުރިބާ ހުރި ގާބިލް ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެބޭފުޅުންނާ ދެން ވާދަކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވައިގެން އަބްދުﷲ ޝާހިދު ކަމަށެވެ. 

އާދަމް ޝަރީފް، ޝާހިދަށް ތައުރީފް ކުރައްވާ ވާހަކަ ދެއްކެވި އިރު، ބައެއް މެމްބަރުންވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވީ،  އދ. ގެ މަތީ މަގާމެއް ދިވެއްސަކަށް ލިބުމަކީ އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވާ ކަމެއް ކަމަށް ވިޔަސް، އެއަށް ވުރެ ބޮޑަށް ފަޚުރުވެރިވާނީ އަމިއްލަ ގައުމުގެ ގާނޫނު އަސާސީގައިވާ ގާނޫނުގެ ވެރިކަން ހިންގުމުން ކަމަށެވެ.

"ގާނޫނު އަސާސީން ކަނޑައެޅިގެން އެބަ ބަޔާން ކުރޭ ވަޒީރުން ކުރަން ނުޖެހޭ ކަންކަން. އޭގައި އެބަ އޮވޭ އެއްވެސް މާލީ މަންފާއެއް ލިބޭ އިތުރު އެއްވެސް ކަމެއް ވަޒީރަކަށް ނުކުރެވޭނެ ކަމަށް،" އަލީ ހުސައިން ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޝާހިދު ކަނޑައެޅިގެން ހުންނެވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ޖެހޭނީ، ފޮރިން މިނިސްޓަރު، އިއްޒަތްތެރި ވަޒީރޭ، ކޮންމެވެސް އެއް މަގާމެއް އިޚްތިޔާރުކުރަން ޖެހޭ، ދެ މަގާމު ފުރުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫނޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު، ޖާބިރުވެސް ވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޝާހިދު އެ މަޤާމުން ވަކިކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، ވަޒީރަކަށް އިތުރު އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.

އެހެންވިޔަސް ގާނޫނު އަސާސީއާ ޚިލާފަށް، މިނިސްޓަރު ޝާހިދު ގެންދަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ވަޒީފާ އަދާ ކުރައްވަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެތައް ތަނެއް ނުގަވާއިދުން ބޭރު ބަޔަކަށް ދީފައި، އޭނާ އެ މަގާމުގައި އެ ހުރީ، މި މަޖިލީހުން އޭނާ ވައްކެއް ނުކުރާނެ، އޭނާ މަގާމުން ވަކިކުރަން، އަޅުގަނޑު ސުޕްރީމް ކޯޓަށް ދާނަން،" ޖާބިރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް