ads
ރައީސް ޔާމީން އަދި ޝުޖާއު--
ޔާމީނު ހޮވުމަށް މަސައްކަތްކުރާ މީހުން އަންނަނީ ހާހުން އިތުރުވަމުން: ޕީޕީއެމް
ދެހާސް ތޭވީސް ވަނަ އަހަރުގެ އިންތިހާބު ރައީސް ޔާމީން އަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރާ ރައްޔިތުންގެ އަދަދު ހާހުން އިތުރުވަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފި އެވެ.
Advertisement

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ޕާޓީގެ މެންބަރުންނަށް  ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. 

ދިހަ އަހަރުގެ ތާރީހަށް ބަލާލާއިރު، އެ ޕާޓީ ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށާއި، އެ އިންތިޚާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަކުރައްވާ، ކާމިޔާބު ކުރެއްވިކަން ފާހަގަކޮށްފައިވެއެވެ. 

2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާއި ކުރިއެރުން ގެނެސްދެއްވި ފަސް އަހަރުގެ ވެރިކަމެއް ފުރިހަމަކުރެއްވި ކަމަށާއި، ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ގެނެސްދިން ކަމަށް ބުނެފައިވެއެވެ.

ޢުމަރާނީ ގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި، ސިއްޙީ ދާއިރާންނާއި، ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެނޫން ދާއިރާތަކުންވެސް ޤައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދީފައިވާ ކަމަށާއި، 2013 ގެ ރިޔާސީ އިންތިޚާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީވެސް ޕީޕީއެމް ހޯދާ އެއިންތިޚާބުވެސް ކާމިޔާބުކޮށްފަވާކަން ފާހަގަކޮށްފައިވެއެވެ. 

"ޕާޓީގެ ކާމިޔާބުގެ ޞަފްޙާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުޙިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙައްޤުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެއެވެ.

އަނިޔާ ލިބެމުން ދިޔަނަމަވެސް ނުޙައްޤުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާއިއެކު ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. 

އެގޮތުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިދިކޮޅުން ބޮޑުތަނުން ކާމިޔާބުކޮށްފައިވުންވެސް ފާހަގަކޮށްފައިވެއެވެ.

މިވަގުތު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށާއި އެމަނިކުފާނު ޖަލަށްލާފައިވަނީ ހައްގު ނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޝާރީއަތްތައް ކުރިއަށް ގޮސްފައިވާ ގޮތް އަޑުއެހި ކޮންމެ ރައްޔިތަކުވެސް ގަބޫލްކުރާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

އެ ޕާޓީގެ ފަރާތުން އިންތިޒާމްކުރަމުން އަންނަ ކަންކަމުގައި ބައިވެރިވަމުން އަންނަ ރައްޔިތުންގެ އަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވޭ ކަމަށާއި ޕާޓީ އާއި ގުޅޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ބުނެއެވެ.

"ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް ހާހުން އިތުރުވަމުންދާ ކަމީ މިއަދު ޕާޓީއަށް ލިބެމުންދާ އެންމެ ބޮޑު ހިތްހަމަޖެހުމާއި ކާމިޔާބީއެވެ." ޕާޓީއަށް 10 އަހަރު ފުރުމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެއެވެ. 

ޕީޕީއެމް ގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، ޕާޓީގެ ކޮންމެ މެންބަރެއްގެވެސް އަދި ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެވެސް ދުއާއަކީ ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން މައުސޫމްކަން ސާބިތުވެ، ޖަލުން މިނިވަންވެ 2023 ވަނަ އަހަރު މިޤައުމުގެ ވަލީޔުލްޢަމްރުގެ މަޤާމަށް އަލުން އަނބުރާ އެމަނިކުފާނު ވަޑައިންނެވުމުގެ ހެޔޮ ތައުފީޤް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުން ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް