މި ވަޅު ފެނިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އުތީމު ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ވަޅު ފެނިފައި މިވަނީ، އެ ރަށުގެ އުތުރު ފަރާތު ހުންނަ ތުނޑި ވަރަށް ބޮޑަށް ގިރުމުގެ ސަބަބުންނެވެ. އަދި ލަފާ ކުރެވޭ ގޮތުގައި މި ވަޅަށް އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެދާނެކަމަށާއި އެހެން ކަމަށް ވާނަމަ މި ވަޅަކީ މީގެ 500 އެއް ހާ އަހަރު ކުރީގެ ވަޅެއްކަމަށް ބެލެވޭ ކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ.
އަދި މި ވަޅު ހުރި ސަރަހައްދަށް މީހުނަށް ނުވަދެވޭގޮތަށް މިހާރު ވަނީ ބަންދުކޮށްފައެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސީއެންއެމް" އަށް ވިދާޅުވީ މި ވަޅު ފެނިފައިމިވާ ސަރަހައްދަކީ، ބޮޑުތަކުރުފާނު ދޫނިހިއްޕަވަން ގޮސް އުޅުއްވި ސަރަހައްދު ކަމަށްވެއެވެ. އަދި މި ނޫނަސް އެ ސަރަހައްދުން މީގެ ކުރިންވެސް ވަނީ މިފަދަ އާސާރީ ބައެއް ތަކެތި ފެނިފައެވެ. އެގޮތުން ސީނު ތައްޓާއި ރުނބައި ފަދަ ތަކެތި އެ ސަރަހައްދުން މީގެ ކުރިންވެސް ފެނިފަވާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ.
ހިރިގަލުން ހަތަރެސްކަނަށް ކަނޑައިގެން ހަދާފައިވާ މި ވަޅަކީ އާދައިގެ ކުޑަ ވަޅެއް ކަމަށާއި މި ވަޅުގެ ފުންމިން އަދި ނޭގޭ ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ކައުންސިލުން ބުނީ މި ވަޅު ފެނުނު ސަރަހައްދުގައި ވަޅު ބަހައްޓައިގެން އެ ވަޅު ހިމާޔަތް ކުރެވިދާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި، ވަޅު ހުރި ސަރަހައްދުގައި ވަޅު ބަހައްޓައިފި ނަމަ އެ ވަޅު މޫދައް ދޫވެގެން ދިއުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މި ވަޅު ހިމާޔަތް ކުރުމުގެ މަޝްވަރާތައް، އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ ކުރިޔަށް ކަމަށް އުތީމު ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ރަޝީދު ވިދާޅުވީ، އުތީމަކީ ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމުގައި ނަމޫނާރަށެއްކަމަށާއި އެކަން ހިފެހެއްޓުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.