ads
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އިބްރާހިމް އާގިލް---
އާގިލް މަރާލަން ވަޅި ހިފައިގެން ފަހަތުން ދުވިތަން ފެނުނު: ހެކިވެރިޔާ
ގދ. ފަރެސްމާތޮޑާ، އިބްރާހިމް އާގިލް ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރާ ހަމްދޫން ހަމްޒަތު އެދުވަހު އާގިލްގެ ފަހަތުން ވަޅި ހިފައިގެން ދުވި މަންޒަރު ސީސީޓީ ފުޓޭޖުން ފެނިފައިވާކަމަށް ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެންޑް އިމޭންޖް އެނަލިސިސް ހެދި އޮފިސަރުގެ ހެކި ބަހުގައި ބުނެފި އެވެ.
Advertisement

އުމުރުން 19 އަހަރުގެ އާގިލަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި ވަގުތުއެެވެ. 

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ދައުލަތުން ހުށަހެޅި ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. 

ވީޑިއޯ ރިޕޯޓް އެނަލައިސިސް ސާބިތުކުރުމަށް ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ފުރަތަމަ ހުށަހެޅި ފުލުހުންގެ ފޮރެންސިކް އޮފިސަރު ވިދާޅުވީ އާގިލް މަރާލި ރޭ ދައުވާ ލިބޭ ތިން މީހުން ހަރަކާތްތެރިވި 21 ވީޑިއޯއެއް އެނަލައިޒްކޮށްފައިވާނެ ކަމަށެވެ. 

ހަމްދޫންގެ ދިފާއީ ވަކީލް އިބްރާހިމް ރާގިބް ހަމްދޫނު އެރޭ ހަރަކާތްތެރިވި ގޮތާއިބެހޭ ގޮތުން ސުވާލުކުރުމުން އޮފިސަރު ވިދާޅުވީ، ހަމްދޫން އެމްއެމްއޭ ސަރަހައްދަށް އައިސް ފޯނުން މީހަކާ މުއާމަލާތްކުރާ މަންޒަރު ފެންނަ ކަމަށާއި ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއި އެކު އާގިލް ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އެއަށްފަހު ހަމްދޫން ދުވެފައި ގޮސް ދެ ނަންބަރު ފާލަން ކައިރީ އިން މީހެއްގެ ސައިކަލެއްގެ ފަހަތަށް އަރާ ކަމަށާއި އެ ސައިކަލް ދުއްވަން އިނީ މިޖުވާދު ކަމަށް އޮފިސަރު ވިދާޅުވިއެވެ. ދެން ވިލިނގިލީ ފެރީ ޓާމިނަލް އިން ޓިކެޓް ނަގައިގެން ފެރީއަކަށް އެރި ކަމަށް އޮފިސަރު ވިދާޅުވިއެވެ. 

އޮފިސަރު ވިދާޅުވީ އެމްއެމްއޭ ސަރަހައްދުގައި ހަމްޒާ އާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، ހަމްދޫން އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވާ ކަމަށެވެ. 

ހަމްދޫންގެ ގަމީހުން އާގިލްގެ ޑީއެންއޭ ފެނުނު

ދެވަނަ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅީ ޑީއެންއޭ ރިޕޯޓް ސާބިތުކުރުމަށް އެ ރިޕޯޓް ތައްޔާރު ކުރި ޕްރައިމް އިންވެސްޓިގޭޓިވް އޮފިސަރެވެ. އެ އޮފިސަރު ވިދާޅުވި ގޮތުގައި ހަމްދޫންގެ ގަމީހުގައި ހޭކިފައި ހުރި ލޭކޮޅަކުން އާގިލްގެ ޑީއެންއޭ ލިބިފައިވެއެވެ. ނަމަވެސް މަރާލުމުގައި އެހީވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ވިޝާމްގެ ޑީއެންއޭ ފެނިފައިއެއް ނުވެއެވެ.

މި މައްސަލާގައި ދެން އޮންނާނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދެއްކުމެވެ. ތާވަލުގައި ވާގޮތުން 25 ނޮވެމްބަރުގައި ހުލާސާ ބަޔާން އިއްވުމަށްފަހު، 13 ޑިސެމްބަރު ހުކުމް ކުރުން އޮންނާނެ އެވެ.

މައްސަލައިގެ ތަފްސީލް

އާގިލް އަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށް ވާ ގޮތަށެވެ. އޭނާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ. އާގިލް މަރުވެފައިވަނީ މެޔާއި ކަރަށް ވާ ގޮތަށް ދީފައިވާ ހަމަލާގެ ސަބަބުންނެވެ.

އާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ހަތަރެއްގައެވެ. އެދުވަހު ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިއްރު ހެއްކާއި އޭޑިކޭގެ މެޑިކަލް ލީގޯ ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތަކާއި ފުލުހުންގެ ތަހްގީގީ ރިޕޯޓުތަށް ހުށަހަޅާފައި ވެއެވެ. 

އޭޑީކޭ މެޑިކަލް ރިޕޯޓުގައިވާ ގޮތުން އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލަ އަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައެވެ.

ފުއްޕާމޭގައި ފެން ހެދި ހަށިގަނޑުގެ އެކި ތަންތަނަށްވެސް ފެން ލީކުވެފައިވާއިރު މެއިން ފެށިގެން ކަރާ ހަމަޔަށް ބޮޑުތަނެއް ކަފައިގެން ގޮސްފައިވާކަމަށް އެ ރިޕޯޓުން ދައްކައެވެ. އަދި އޭނާގެ ކޮނޑު ހުޅު ނެއްޓި މޭގެ ބައެއް ކަށިތައްވެސް ވަނީ ބިންދައިގެން ގޮސްފައިވާއިރު ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭއެޅި ފުއްޕާމޭގެ ކަނައަތް ފަޅިއަށްވެސް ވަނީ ގެއްލުންވެފައެެވެ.

ދައުލަތުން އެދުވަހު ހުށަހެޅި ހެކިންގެ ބަޔާނަށް ބަލާއިރު އާގިލަށް މީހަކު ހަމަލާދިން ތަން ފެނުނު ކަމަށާއި ހަމަލާދިން މީހާ ގޮވައިގެން އެހެން މީހަކު ސައިކަލުގައި ދިޔަ ކަމަށްވެސް ހެކިންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހަމަލާދިނުމަށްފަހު ތިލާގައި ހަތަރު އިންޗި ހުންނަވަރުގެ ވަޅިއެއް އާގިލްގެ ހަށިގަނޑާއި ދުރުކުރި މަންޒަރު ފެނުނު ކަމަށާއި އޭގެ ފަހަުން އާގިލް ވަރަށް ބާރަށް ހަޅޭލަވައިގަތުމަށްފަހު ދުއްވައިގަތް މަންޒަރު ފެނުންކަމަށްވެސް ހެކިން ބުނެފައިވެއެވެ.

ނަމަވެސް ދައުވާ ލިބޭ ދެ މީހުން ވަނީ މި ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. އަދި އެ ދުވަހު އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ނުވެސް އެނގޭ ކަމަށާއި އެދުވަހު އެމްއެމްއޭ ކައިރިއަށް ނުދާ ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް