ads
ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު
ޖާބިރު މަތިވެރިއަށް އަރާ މީހަކު ރަހީނުކޮށްފި
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް އަރާ އެ ރަށުގެ މީހަކާއި އިނދެގެން އުޅޭ ފިރިހެނަކު ރަހީނުކޮށް އަނިޔާކޮށްފި އެވެ.
Advertisement

މަތިވެރި ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް "ސީއެންއެމް"އަށް ވިދާޅުވީ، ރަހީނުކޮށް ކޮށްފައިވަނީ މަތިވެރި މީހަކާއި އިނދެގެން އުޅޭ ބީރަށްޓެއްސެއް ކަމަށެވެ. ރަހީނުކޮށް އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން އޭނާގެ ނޭފަތް މަތި ފަޅައިގެންގޮސްފައިވާ ކަމަށާއި ލޯމަތިވެސް ދުޅަވެފައިވާ ކަަމަށް އަސްލަމް ވިދާޅުވިއެވެ. އުމުރުން 35 އަހަރުން މަތީގެ އެމީހާ ރަހީނުކޮށްގެން ކަޒާމިއާ އަށް ގެންގޮސްފައިވަނީ 03:00 ޖަހާކަށްހާއިރު ކަމަށާއި އަނިޔާކުރުމަށްފަހު ދޫކޮށްލާފައިވަނީ 04:15 ހާއިރު ކަމަށް އަސްލަމް ވިދާޅުވިއެވެ. 

ލިބިފައިވާ އަނިޔާތަކަށް އޭނާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ. ފުލުހުންވެސް ހޮސްޕިޓަލުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އަސްލަމް ވިދާޅުވީ ޖާބިރު މަތިވެރީގައި އުޅޭތާ މިހާރު ދެދުވަސް ދުވަސްވަރު ވެދާނެކަމަށާއި، ރަށުގެ މީހުންނަށް އެއްޗެހި ކިޔާ ތަންތަނަށްވަދެ ހުތުރު ބަސް ބޭނުންކޮށް މާރާމާރީ ހިންގާތީ މީގެ ކުރިންވެސް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާނެ ކަމަށެވެ. 

" ދެން ޖާބިރުގެ ސްޓައިލުގައި ދޯ އޭނަ އެއުޅެނީ. މި ރަށުގައި ދެދުވަސްވެއްޖެ އުޅޭތާ. ކައުންސިލުން ވާނެ އޭނާ މަގުމަތީގައި ރައްޔިތުންނަށް ބަވަމުންދާ ކަމާއި، ކެފޭތަކަށްވަދެ ރައްޔިތުންނާއި ދިމާލަށް ހަޑިއެއްޗެހި ގޮވަމުން ދާތީ އެކަމުގެ ޝަކުވާ ކޮށްފަ. ޖާބިރަށް ވީމަ އޭނާ ބޭނުން ގޮތަކަށް އުޅެވިގެން ނުވާނެތާ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަދު ދޭއްޖެހި އިރުވެސް ފުލުހުންނަށް ގުޅާފައި އެވާހަކަ ދައްކާފައިވަނިކޮށް މީހެއް ގައިގާ ޖަހައިގެން އޭގަފަހުންވެސް ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސީއެންއެމްއިން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީހަކު ރަހީނުކުރި މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައިނުވާ ކަމަށެވެ.

މަތިވެރީގެ މީހަކު ރަހީނުކޮށް ޖާބިރު އެމީހަށް އަނިޔާކުކޮށްފައި މިވަނީ ވަރަށް ފަހުން މަތިވެރިއަށް ކުރެއްވި ދަތުރެއްގައި އޭނާ އާ ދެކޮޅަށް އެ ރަށު ރައްޔިތުން އިހުތިޖާކޮށް ވަނީ ރަށުން ބާލުވާފައިވަނިކޮށެވެ. އެ ހަމަނުޖެހުންގަނޑަށް ފަހު ޖާބިރު ގެންދަވަނީ މަތިވެރި މީހުންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ނުރުހުމުގެ ވާހަކަތައް ދައްކަމުންނެވެ.

ޖާބިރު އާ މެދު މަތިވެރި މީހުން އިހުތިޖާޖުކޮށް ނުރުހުންފާޅު ކުރީ މަތިވެރިން ޖާބިރު ކުއްޔަށް ނަގައިގެން އުޅޭ ގެސްޓް ހައުސް މައްސަލާގަ އެވެ. ގެސްޓް ހައުސް މައްސަލާގައި ޖާބިރު އަމަލުކުރައްވާނެކަމަށް ވިދާޅުވެފައިވާގޮތަށް އޭނާ އަމަލު ނުކުރެއްވުމުން މަތިވެރި ރައްޔިތުންގެ ނުރުހުން ޖާބިރަށް އަމާޒުވެގެންދިޔަ އިރު ޖާބިރު ވަނީ އެ ރަށު ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ވިދާޅުވެ އެ ރަށު މީހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ މިފަހަކުން އުޅުއްވާ ގޮތާ މެދު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވާއިރު ބައެއް އެހެން ތަންތަނުގައި އަދަބާހިލާފު އަމަލުތައް ހިންގަވާފައި ވެ އެވެ. 

ދާދި ފަހުން ޖާބިރު ވަނީ މަޖިލިސް ދޮށުގައި އެކަނި އިހްތިޖާޖް ކުރައްވާ، އެފަހުން ރައީސް މައުމޫން ދިރިއުޅުއްވާ މ. ކިނބިގަސްދޮށުގެއަށްވެސް ގެއްލުން ދެއްވާފައެވެ. 

އެ ފަހަރު ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ޖާބިރު ވަނީ ކިނބިގަސްދޮށުގޭ ބޭރު ފާރުގައި ހުރި ވެޔޮތަކެއް ނޮޅައި، އެތަނުގައި ހުންނަވާ ބަޔާނެއް ދެއްވާފައެވެ. އޭގެފަހުންވެސް މާލޭ މަގުމަތީ ހުރި ސައިކަލުތަކަކަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާއްމުވެފައެވެ. 

16%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް