ads
މާމެންދޫ ކައުންސިލް ރައީސް(ކ) އަދި ނައިބު ރައީސް(ވ)…
މާމެންދޫ ކައުންސިލް ރައީސް އާއި ނައިބު ރައީސްގެ ކޯޅުންގަނޑެއް!
ގއ. މާމެންދޫ ސްލިޕްވޭ ސަރަހައްދުގައި ހުރި ވެލި ފުންޏަކުން އަށް ބަސްތާ ވެލި ނެގި މައްސަލަ އެއްގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު އާއި ނައިބު ރައީސް މިސްބާހު މުޖުތަބާގެ ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

ކައުންސިލްގެ ނައިބު އެކަމާއި ބެހޭ ގޮތުން ފޭސްބުކްގައި ލިޔެފައިވަނީ ސްލިޕްވޭގައި ފުނިޖަހާފައިވާ ވެލި ފުންޏަކީ ގޮނޑު ދޮށަށް އަޅަން ޖެހޭ ވެލި ކަމަށާއި އެއްވެސް ހާލަތެއްގައި ކައުންސިލުގެ ނުވަތަ  އަމިއްލަ ފަރާތެއްގެ ބޭނުމަށް އެ ވެލި ފުނިން ވެލި ނަގައި  ބޭނުން ކުރެވިގެންނުވާނެ ކަމަށެވެ. އަދި އެ ވެލިފުނި ނަގައި ގޮނޑު ދޮށަށް އެޅުމަށް އަމިއްލަ ފަަރާތަކާއެކު މިހާރުވެސް ވާހަކަ ދެކެވުމުންދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިފަދަ މޭރުމަކުން މިސްބާހް ވާހަކަ ދައްކަވާފައިވާއިރު ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި މިސްބާހް ވިދާޅުވެފައިވަނީ އެ މައްސަލައިގެ ވާހަކަ ދެއްކުމުން މިހާރު އޭނާ މަގާމުން އެކަހެރިކޮށްފައިވެސް ވާކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ ކައުންސިލްގެ ރައީސް އަހުމަދު އޭނާ އާ ދޭތެރޭ އޮންނަ ޒާތީ ކަމެއްގެ ސަބަބުން ކަމަށެވެ.

your imageމިސްބާހުގެ ފޭސްބުކް ޕޯސްޓުގެ ސްކްރީން ޝޮޓެއް

މިކަމާއި ގުޅިގެން ސީއެންއެމް އިން ގުޅާލުމުން މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވީ، މިސްބާހު މަގާމުން އެކަހެރިކޮށްފައި ނުވާނެ ކަމަށާއި އެއީ އޭނާ އަމިއްލަ ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިސްބާހް އަށް ވެސް އަދި އިތުރު އިތުރު އެއްވެސް ފަރާތަކަށް އޭނާ ޒާތީވެ" ހަސަދަ" ވެރިވެގެން ނޫޅޭ ކަމަށެވެ.

ފޭސްބުކް ޕޯސްޓުގައި މިސްބާހް ލިޔެފައިވާ، ވެލި ފުނިން ވެލި ނެގި ވާހަކަ އަހާލުމުން އަހުމަދު ވިދާޅުވީ، އެކަން ކުރީ ކައުންސިލްގެ ބޭނުމަކަށް ކަމަށާއި ފެން ހިންދާ ޕަންޕުގެ މައްޗަށް އެޅުމަށް ކަމަށެވެ. އަދި އެއީ އީޕީއޭގެ ހުއްދަ ފުރިހަމައަށް ލިބިގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ކީއްކުރަންތޯ އަމިއްލަ ބޭނުމަކަށް އެކަން ކުރެއްވީ، އެއީ ސީދާ ހުއްދަ ލިބިގެން ކުރެވުނު ކަމެއް، ސިޓީ ވެސް އެބަ އޮތް އީޕީއޭގެ" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު އިތުރަށް ވިދާޅުވީ، މިސްބާހު މަގާމުން އެކަހެރިކޮށްފި ކަމަށް ދައްކާ ވާހަކަގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި އިއްޔެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އޭނާ އަށް ހަވާލުކުރެވިފައިވާ ބައެއް މަސްއޫލިއްޔަތުތައް އެހެން ކައުންސިލް މެންބަރަކަށް ހަވާލުކުރީ ވޭތުވެދިޔަ ތަނުގައި އޭނާއާ ހަވާލުކުރެވުނު މަސައްކަތްތައް ފުރިހަމައަށް އަދާކުރެވިފައި ނުވާތީ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ކައުންސިލް ބަދުނާމުކޮށް އޭނާގެ އަގުވައްޓަން މިސްބާހު މަަސައްކަތްކޮށްފައިވާ ކަމަށާއި އެފަދަ ގޮތަކަށް ފޭސްބުކްގައި ލިޔުންތައް ލިޔުން އެއީ ކައުންސިލްގެ ނައިބުގެ މަގާމުގައި ހުރެ، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުމުގެ ތެރެއިން މިސްބާހުގެ މަސްއޫލިއްޔަތު އެހެން ކައުންސިލް މެންބަރަކަށް ހަވާލުކުރެވުނީ، އެއީ ވަރަށް ރަނގަޅަށް ނިންމި ނިންމުމެއް، މި ދަންނަވާ ކައުންސިލް މެންބަރަކީ ކުރީގެ ދައުރުގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއް. ވީމަ ހުންނާނެ ތަޖުރިބާ ވެސް" އަހުމަދު ވިދާޅުވިއެވެ.

ސީއެންއެމް އިން މިސްބާހް އަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެބޭފުޅާގެ ފޯނު ނިވިފައިވުމުން ވަނީ ގުޅޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް އޭނާ ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވެލި ފުނިން ވެލި ނެގި މައްސަލާގައި ވެފައި އޮތް ގޮތް ރަނގަޅަށް ސާފުކޮށް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަމުގައި އިހުމާލެއް ވެފައިވާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް