ސީއެންއެމް އަށް ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، އެކި ފަހަރުމަތިން ޖާބިރުގެ ނަފްސަށާއި ވިޔަފާރިއަށް އެރަށުން ގެއްލުންދޭ ކަމަށާއި އެކަން ކަން މީގެ ކުރިން ވެސް ޖިނާއީ ނިޒާމުގެ ތެރެއިން ދައުވާ ކުރުމަށް ފޮނުވާފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަން ކަމަށް ޖިނާއީ ނިޒާމުގެ ތެރެއިން އިންސާފެއް ހޯދައިދެވިފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ޖާބިރުގެ ކާސާ މިއާ ގެސްޓު ހައުސްގެ ކުރިމަގަށް ވެސް އެރަށު ކައުންސިލުންނާއި ހާއްސަކޮށް ކައުންސިލުގެ ރައީސް އަހުމަދު އަސްލަމު އިސްވެ ހުންނަވައިގެން އެތައް ގޮތަކުން ފިއްތުންތައް ކުރިމަތި ކޮށްފި ކަމަށާއި ޖާބިރުގެ ނަފްސަށް ގެއްލުން ދިނުމުގައި ވެސް އަސްލަމުގެ ބައިވެރިވުން ހިމެނޭ ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ ކަމަށެވެ
އެހެން ކަމުން އެ ކަންކަމުގައި ހަރަކާތްތެރިވާ ބަޔަކާއި ހާއްސަކޮށް އަސްލަމް ހިމެނޭގޮތަށް މަދަނީ ދައުވާ ކުރަން ދިޔާނާގެ ވިސްނުންފުޅު މިހާރު ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
"އެކި ފަހަރު މަތިން ޖިނާއީ ދައުވާގޮތުގައި ވެސް މައްސަލަތައް ފޮނުވައިފިން، އެހެން ނަމަވެސް ޖިނާއީ ނިޒާމުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފުރިހަމަ އިންސާފެއް ލިބިފައެއް ނުވޭ، އެހެން ވީމަ އަޅުގަނޑު މި ވިސްނަނީ ހާއްސަކޮށް އަސްލަމު ހިމެނޭ ހެން ޖާބިރުގެ މައްސަލަތުގެ މަދަނީ ދައުވާތައް ކުރިއަށް ގެންދަން،" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ، ކާސާ މިއާ ގެސްޓުހައުސްގައި ދެ ފަހަރެއްގެ މަތިން ހުޅުޖަހައި ރޯކޮށްލި ކަމަށާއި ނުވިތާކަށް ޖާބިރު އެރަށަށް ދިޔުމުން ވެސް ގެއްލުންދީފައިވާ ކަމަށެވެ. އަދި ޖާބިރުގެ އަގު ވައްޓާއި ބަދުނާމު ކުރުމަށް އަސްލަމް ވަރަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، އެރަށު ކައުންސިލަށް ދައްކަން ޖެހޭ ފައިސާތަކެއް ވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ދިޔާނާ ވެސް އިންކާރު ނުކުރައްވާ ކަމަށެވެ. އެ ފައިސާ ދެއްކުމަށް މަސައްކަތްކުރައްވާ ކަމަށާއި އެހެން ނަމަވެސް މަތިވެރި ކައުންސިލުން ޖާބިރުގެ ގެސްޓުހައުސް ހުޅުވަން ހުއްދަ ނުދީ އެކަން ކުރުމަށް އޮންނަ މަގު ބަންދުކޮށް ހުރަސް އަޅަމުންދާކަން އެކަމާ ވަނީ ފާހަގަ ކުރައްވާފައެވެ.
"ޖާބީރު މިދޭތެރެ ރާއްޖެއިން ބޭރުގައި ހުންނެވި އިރު އަޅުގަނޑު މިކަމުގައި އިންވޯލް ވެގެން ވެސް އެކޮޅަށް ސީއީއޯ ފޮނުވައިގެން އަޅުގަނޑުމެން ވަރަަށް މަސައްކަތްކުރިން އެމަސައްކަތް ކުރަން، އެހެން ނަމަވެސް އެމީހުން އެއްވެސް ވަރަރަކަށް އެއްބަސް ވެފައެއް ނުވޭ. އަޅުގަނޑުމެން އެ ފައިސާ ދައްކާނަން، އިންކާރެއް ނުކުރަން ދައްކަން ޖެހޭ ފައިސާތަކެއް ނެތް ކަމަކަށް،" ދިޔާނާ ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ވެސް ކަރަންޓީނު ފެސިލިޓީ އަކަށް ހަދަން މަސައްކަތް ކުރެއްވި ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ޑީލްތަކެއް ލިބިފައިވާ ކަމަށް ވެސް ކައުންސިލުގައި ދެންނެވި ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި އެ ލިބޭ ފައިދާ އިން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް މަގުފަހިވެގެންދާނެކަން އެންގި ކަމަށާއި އެހެން ނަމަވެސް އެރަށު ކައުންސިލުން އެކަމަށް ވެސް އިންކާރުކުރި ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ޖާބިރު އަށާއި އޭނާގެ ވިޔަފާރިއަށް ގެއްލުންދެނީ ސިޔާސީ މަގުސަދެއްގައި ކަމަށް ވިސްނޭ ކަމަށާއި ޖާބިރަށް ހަސަދަވެރިވާ ވަރަށް ގިނަ ބަޔަކު އުޅޭކަމަށް ދިޔާނާ ގަބޫލުކުރައްވާ ކަމަށް ވެސް ދިޔާނާ ވަނީ ފާހަގަކުރައްވާފައެވެ.
މަތިވެރީ ކައުންސިލްގެ ރައީސް ސީއެންއެމްއަށް ވިދާޅުވީ، ޖާބިރަށް އެކި ފަހަރުމަތިން ފުރުސަތު ދެވިފައިވާނެ ކަމަށާއި ފައިސާ ދެއްކުމަށް އެކި ފަހަރުމަތިން މުއްދަތުވެސް އިތުރުކޮށްދެއްވި ކަމަށެވެ. އެހެން ނަމަވެސް ޖާބިރު އެއްވެސް ފައިސާ އެއް މިހާތަނަށް ނުދައްކަވާ ކަމަށާއި މިހާރުވެސް ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިއަން ރުފިޔާ އެބަ ހުރި ކަމަށް ކައުންސިލުގެ ރައީސް އަސްލަމް ވިދާޅުވި އެވެ.
އިތުރަށް އަސްލަމް ވިދާޅުވީ، ޖާބިރުގެ އެ ގެސްޓު ހައުސް އަކީ މީހަކު އަތުން ބައްލަވައިގަނެ އޮޕަރޭޓް ކުރަމުންދިޔަ ތަނެއް ކަމަށާއި ޖާބިރަށް އެ ވިޔަފާރި ކުރައްވަން ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރު އަކީ ވެސް ވަރަށް ގާތް ރަަހުމަތްތެރިއެއް ކަމަށާއި އެހެން ނަމަވެސް އޮންނަ ގާތް ކަމެއްގެ ސަބަބުން މިފަދަ މައްސަލަތަކަށް އަޑު ނުއުފުލާ ނުހުންނަވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ޖާބިރު މަސައްކަތް ކުރައްވަނީ ވިޔަފާރި ކުރައްވައިގެން އާމްދަނީ ހޯދެއްވުމަށް ކަމަށާއި އެހެން ނަމަވެސް ކައުންސިލުގެ ރައީސް މަސައްކަތް ކުރައްވަނީ ރަށުގެ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިވައިދެއްވުމަށް ކަމަށެވެ.
އެކި ފަހަރު މަތިން ޖާބިރުގެ ކާސާ މިއާ އަށް ގެއްލުންދީ ޖާބިރަށާއި އެބޭފުޅާގެ ދެ ދަރިކަލުންނަށް ވެސް އަނިޔާ ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެންމެ ފަހުން ރޭގައި ވެސް ކާސާ މިއާ އަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަދާފައި ހުންނަ އިންޖީނު ރޫމުގައި ވެސް ވަނީ ރޯކޮށްލާފައެވެ. މި މައްސަލައިގައި ވެސް ދިޔާނާގެ އިނގިލި ދިމާކުރައްވަނީ އެރަށު ކައުންސިލް ރައީސް އަސްލަމަށެވެ.