ރައީސް މިހެން އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތާބުގައެވެ.
ރައީސް ހިތާބުގައި ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.
އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުންކަމަށާއި މިސަބަބަށްޓަކައި، އިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ސައްހަ އަގީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
އެ ހިތާބުގައި ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ރިވެތި އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާ އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލައްވަމުން ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޙަސަދަވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މައާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަހްލާގްގެ މަތީގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2 ވަނަ ދުވަހެވެ.