ސުޖަންވަނީ ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ކްލަބު އީގަލްސްގެ ކީޕަރުގެ ގޮތުގައި ރާއްޖޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ސުޖަން އެނބުރި ގައުމަށް ގޮސް ކުޅެން ފެށީ ކޮވިޑާ ހެދި ފުޓްބޯޅަ ސީޒަން މެދު ކަނޑާލި އަހަރުގެ ކުރީކޮޅުއެވެ. ސުޖަން ދެކޭ ގޮތުގައި ސުޖަންގެ ކާމިޔާބީގެ އަސްލަކީ ރާއްޖޭގައި އޭނާއަށް ލިބުނު ތަމްރީންތަކާއި، ތަޖުރިބާއެވެ.
ސީއެންއެމްއިން ގެނެސްދޭ ރާޖަޕަކްސަ ފޯ ނޭޝަންސް އިންވިޓޭޝަނަލް މުބާރާތުގެ ޚާއްސަ ކަވަރޭޖުގެ ތެރެއިން މި ގެނެސްދެނީ ސީއެންއެމަށް ސުޖަން ދިން ކުރު އިންޓަރވިޔުއެއްގެ ޚުލާސާއެވެ.
ދުވަސްތަކަކަށް ފަހު ލަންކާގައި އަނެއްކާވެސް އިންޓަނޭޝަނަލް މުބާރާތެއް މި ފެށެނީ. އަދި ފުރަތަމަ މި ކުޅެން ޖެހެނީވެސް ރާއްޖެއާ. ކިހިނެތް މި މުބާރާތާ މެދު ދެކެނީ؟
އުފަން ގައުމުގައި، އަމިއްލަ ސަޕޯޓަރުންނާއި ރައްޓެހިންނާއި އާއިލާގެ ކުރިމަތީގައި ކުޅެން ފުރުސަތު ލިބުމަކީ އަބަދުވެސް ލިބޭ ހިތްހަމަ ޖެހުމެއް. މި ފަހަރު މި ފުރުސަތު މި ލިބުނީ ބޮޑު މެދު ކެނޑުމަކަށް ފަހު. މިއީ ފޯރި ގަދަ ރަނގަޅު މުބާރާތަކަށްވާނޭ ކަމަށް އުއްމީދު ކުރަނީ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ބަލާއިރު، ރާއްޖެއަކީ އަބަދުވެސް އަހަރުމެންގެ އެންމެ ވާދަވެރި ޓީމު. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ އަބަދުވެސް ޓަފް މެޗުތަކެއް. ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި މޮޅު ބައެއް.
ދާދި މިދާކަށް ދުވަހު ސާފް ޗެމްޕިއަންޝިޕް މާލޭގައި ނިމުނީ. ސުޖަން އަބަދުވެސް ބުނާ ގޮތުގައި ރާއްޖެއަކީ ސުޖަންގެ ދެވަނަ ގެ. މިއަދު މިއޮތީ އަމިއްލަ ގައުމުގައި ރާއްޖެ ހޯސްޓްކުރުމުގެ ފުރުސަތު ލަންކާއަށް އަދި ސުޖަންއަށް ލިބިފައި. އަމިއްލަ ގައުމުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ތައްޔާރުވާއިރު ކޮން ކަހަލަ އިހުސާސްތަކެއް ކުރެވެނީ؟
އަހަރެންގެ ދެވަނަ ގެއަށް ރާއްޖެ ވާ ފަދައިން ލަންކާއަކީ ދިވެހިންގެވެސް ދެވަނަ ގެ. އެހެންކަމުން ދެ ޓީމަށްވެސް އަމިއްލަ ދަނޑުގައި ކުޅެވޭ ކަމުގެ އިހުސާސް ކުރެވޭނެ. އެ ގޮތުން ބަލާއިރު ދެ ޓީމަށްވެސް ހަމަހަމައޭ އަހަރެން ބުނާނީ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ލަންކާ ކުޅުނު މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ރާއްޖެއެވެ. މިއަދުގެ މެޗަކީ އޭގެ ފަހުން މި ދެގައުމުގެ މެދުގައި ކުޅެވޭ ފުރަތަމަ މެޗެވެ. މި މެޗު މިރޭ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި އޮންނައިރު ދެ ގައުމުގެ ރައީސުން މި މެޗު ބައްލަވާލަން ވަޑައިގަންނަވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.