ބޮޑުވަޒީރު މުސްތަފާ އަލް ހަދީމީ އަށް އަމާޒުކޮށް ދީފައިވާ މި ޑްރޯން ހަމަލާއިން ސަލާމަތް ވުމުން އޭނާ، ރައްޔިތުންނަށް ގޮވާލާފައިވަނީ ހަމަޖެހި މަޑުން ތިބުމަށެވެ.
މިހަމަލާއާއި ގުޅިގެން އިރާގު ފުލުހުން ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ ޑްރޯންގައި ބާރުގަދަ ގޮވާ ތަކެތި ހަރުކޮށް އިރާގުގެ ވެރިރަށް ބަޣްދާދުގައި ހުންނަވާ ޕްރައިމް މިނިސްޓަރު މުސްތަފާ އަލްހަދީމީ ހުންނަވާ ގެއަށް އަމާޒުކޮށް ކަމަށެވެ. އާދީއްތަ ދުވަހު ދީފައިވާ މިހަމަލާގައި އަލްހަދީމީގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ވެފައި ވީ ނަމަވެސް އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޖަމާއަތުގެ 6 މީހުންނަށް އެކި ވަރުގެ ޒަހަމްތަށް ލިބިފައިވެއެވެ.
އަލް ހަދީމީ ޓްވީޓްކޮށްފައި ވަނީ އޭނާ ގަދަވެ ސަލާމަތުން ހުރި ކަމަށާއި މާތް ﷲ އަށް ހަމްދު ކޮށް ޝުކުރުކުރާ ކަމަށެވެ. އަދި އިރާގުގެ ރައްކަލަށްޓަކައި މަޑުމަޑުން ތިބުމަށެވެ. އޭގެ ފަހުން އިރާގު ޓީވީގައި ހަމަޖެހިލާފައި އިންނަވާ ވިދާޅުވީ މިފަދަ ފިނޑި ހަމަލާތަކުން ގައުމާއި މުސްތަގުބަލު ބިނާ ނުކުރެވޭނެ ކަމަށެވެ.
އާދިއްތަ ދުވަހު ހެނދުނު ދީފައިވާ މިހަމަލާ ދީފައިވަނީ އޮކްޓޫބަރު ދިހަވަނަދުވަހު ބޭއްވުނު މަޖިލިސް އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ހަރުކަށި މުޒާހަރާއަށްފަހުއެވެ. މި މުޒާހަރާ ކޮށްފައިވަނީ އީރާނުން ވާގިވެރިވާ އިރާގުގެ އިދިކޮޅު އަސްކަރީ ފަރާތްތަކުންނެވެ. އެމީހުންވަނީ ވޯޓު ގުނިގޮތާމެދު ތުހުމަތުތަކެއް އުފައްދާފައެވެ.
ބަޣްދާދުގެ ސެކިއުރިޓީ ވަރުގަދަ ގްރީން ޒޯން ގެ އަލް ހަދީމީ ގެ ގެކޮޅަށާއި ސަރުކާރުގެ އިމާރާތްތައް އަދި ފޮރިން އެމްބަސީތަކަށް ދީފައިވާ މި ޑްރޯން ހަމަލާގައި އެއްވެސް ފަރާތެއް އަދި މިހާތަނަށް ޒިންމާ ނަގާފައި ނުވާއިރު މިހަމަލާ އާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ސަލާމަތީ ކަންކަން ދަނީ ކުރަމުން ނެވެ.