ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ވިއްސަށް ވުރެ ގިނަ މީހުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
ޓީއެމްއޭގެ ފޭސްޕުކް ޕޭޖުގައި ބުނެފައިވަނީ އެ ޕްރޮގްރާމްގެ ތެރެއިން ސީ ޕްލޭން ދުއްވުމުގެ މަރުހަލާ އާއި ސީޕްލޭންގައި ހުންނަ ސަލާމަތީ ކަންތައްތަކާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ސީޕްލޭންގެ ޕައިލެޓް ގޮނޑީގައި އިށީނދެ ތިބެ ބޯޓު ދުއްވަން އާލާތްތައް ބޭނުންކުރާނެ ގޮތް އެ ފަރާތްތަކަށް ކިޔައިދީފައި ވެއެވެ.
އަދި ހަމައެއާއެކު ތަރުތީބު ކުރެވިފައިވާ ގޮތާއި އިމަޖެންސީ ދޮރުތަކާ ބެހޭ މައުލޫމާތު ވެސް ލޯފަން މީހުންނަށް އެ ޕްރޮގްރާމްގެ ތެރެއިން ދީފައިވެއެވެ.
އިއްޔެ ކުރިއަށް ގެންދެވުނު އެ ޕްރޮގްރާމްގެ ތެރޭގައި ޓީއެމްއޭގެ ހަ ކެބިން ކްރޫއެއް ވެސް ވަނީ އެ ފަރާތްތަކާއެކު ބައިވެރި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިއްޔެ މި ފެނިގެންދިޔަ އުފާވެރި މަންޒަރުން ގިނަ ބައެއްގެ ތައުރީފާއި އުފާވެރި ބަސްތައް ޓީއެމްއޭ އަށް ލިބިގެންދިޔަ ކަން ފާހަގަ ކުރެވުނެވެ. އަދި އެފަދަ ފަރާތްތައް ޝާމިލުވާހެން ޕްރޮގްރާމްތައް ބާއްވާތީ ފެންނަ އުފާވެރި މަންޒަރުން ހިތަށް ހިތް ހަމަޖެހުން ގެނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ
ޓީއެމްއޭގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަން ކުދިންނަށް މިފަދަ ހަރަކާތްތަކުގެ ސަބަބުން އެކިކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ގޮތް ހަދައިދިނުމެވެ