ކައުންސިލް ރައީސް އަހުމަދު އަޒީޒު އާއި ނައިބު ރައީސް މިސްބާހު މުޖުތަބާ އާ ދޭތެރޭ އުފެދިފައިވާ ދެބަސްވުންމަށް ސުލްހަވެރި ހައްލެއް އައުން މިހާރު ދުރު ކަމަށް ބުނެވިދާނެ އެވެ.
މި ހަމަނުޖެހުންތައް މިޑިއާ އަށް ތިލަވެގެން އައީ ނައިބު ރައީސް މިސްބާހް އަށް ހަވާލުކޮށަފައިވާ ބައެއް މަސްއޫލިއްޔަތު ތަކުން މިދިޔަ ބުރާސްފަތި ދުވަހު އޭނަ އެކަހެރި ކުރުމާ ހިސާބުންނެވެ. އެއަށް ފަހު ދެން ފެންމަތިވީ ކައުންސިލް ރައީސް އާއި ނައިބު ރައީސްގެ ކޯޅުންގަނޑެއްގެ ވާހަކަ އެވެ.
އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާގައި ރައްދު ކުރަމުން އަންނަ އިރު ރައީސާއި ނައިބު ރައީސްގެ ފަހަތުގައި ތިބި ފަރާތްތަކުން ވެސް ދަނީ މައްސަލަ ހޫނުވާ ގޮތަށް އެ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
ފުރަތަމަ މައްސަލަ ގޯސްވީ މިސްބާހްގެ މަސްއޫލިއްޔަތުތައް އޭނާގެ އަތުން ނަގައި އެހެން ކައުންސިލް މެންބަރަކަށް ހަވާލުކުރުމުންނެވެ. ކައުންސިލް ރައީސް އަހުމަދު އޭރު ސީއެންއެމް އަށް ވިދާޅުވީ އެކަން އެގޮތަށް ކުރީ މިސްބާހް އަށް އޭނާގެ ވާޖިބުތައް ފުރިހަމަ އަށް އަދާނުކުރެވުމުން ކަމަށެވެ.
މިސްބާހްގެ މަގާމުން އެކަހެރިކޮށް މީޑިއާ ތަކުގައި ދެކެވެން ފެށި ވާހަކަ ތަކަކީ ވެސް މުޅިން ދޮގު ވާހަކަ ތަކެއް ކަމަށާއި އެއީ އަހުމަދުގެ އަގު ވައްޓާ ކައުންސިލް ބަދުނާމު ކުރުމަށް މިސްބާހް ދައްކަވާ ވާހަކަަތަކެއް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އަދި އެފަދަ ދޮގު ވާހަކަތެއް މީޑިއާ ތަކަށް މިސްބާހް ފަތުރަމުންދާތީ އޭނާގެ ޒިންމާދާރުކަން ކުޑަކަން ވެސް ހާމަ ވެގެންދާކަމަށް އަހުމަދު ފާހަގަކުރެއްވި އެވެ.
ރައީސާއި ނައިބުގެ "ކޯޅުންގަނޑު" އިންތިހާ އަށް ހޫނުވެފައި ވަނިކޮށް ދެން ފެންނަން ފެށީ މުދަލަށާއި ތަންތަނަށް ގެއްލުންދީފައި ވަނިކޮށެވެ. ރުށް ގަސް ކެނޑުމާއި ބައެއް އިމާރާތްތަކަށް ވެސް ގެއްލުންދީ ރަށް ބޮޑު ހަމަނުޖެހުމަކާ ދިމާލަށް ވަނީ މިސްރާބު ޖަހައިފަ އެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ކޮންކްރިޓުން ހަދާފައިވާ "މާލިންބެއްޔާ" ޖެޓީގައި ޖަހާފައިވާ މޮނިއުމެންޓުގެ ބައެއް އަކުރުތުތައް ވައްޓާލުމާއި އެ ރަށު ވިޔަފާރިވެރިންގެ ހިޔާގެ އިމާރާތުގެ ބޭރު އަދި އެތެރެ ފާރަށް ކަޅުތެޔޮ ޖަހާ އެތަނުގެ ދޮރުފަތްތަކަށް ގެއްލުންދީފައިވެ އެވެ.
މި މަންޒަރު ތަކާއެކު ކައުންސިލް ރައީސް އަށް ގުޅާލުމުން ވިދާޅުވީ، އެއީ ހަމަ މިސްބާހްގެ ރޭވުމާއެކު ދީފައިވާ ގެއްލުން ކަމަށާއި މިއީ މުޅިން ވެސް އެ ކަމާއި ގުޅިގެން ކުރަމުންދާ ޖެއްސުން ކަމަށެވެ. އަހުމަދު ވިދާޅުވީ އެރަށުން ކަނޑާލި 60 އަށް ވުރެއް ގިނަ ރުށް ކެނޑުމުގައި ވެސް މުގުލުގައި ހުރި ކަމަށް ތުހުމަތު ކުރެވެނީ މިސްބާހް އަށް ކަމަށެވެ.
އިތުރަށް އަހުމަދު ވިދާޅުވީ، އިއްޔެ ވެސް ޒުވާނުން ތަކެއް ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އަޑު އުފިލި ކަމަށާއި އެކަމުގެ ސަބަބުން ރަށު ސްކޫލްގައި ކިޔަވަން ތިބި ކުދިންނަށް އުނދަގޫވެ ބައެއް ކުދިން ބިރުން ރޮއިފައިވާ ކަމުގެ ހަބަރު ސްކޫލުން ގުޅާފައި ދެންނެވި ކަމަށެވެ.
މިސްބާހު "ކޮންޓްރޯލް" ކުރާ ޒުވާނުން ކޮޅެއްގެ އުނދަގޫ ތަކަށް ނުސިހޭނެ ކަމަށާއި ހާއްސަކޮށް ދައުލަތުގެ މުދަލަށް ދޭ ގެއްލުން ބަލައި ނުގަނެވޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މި މައްސަލަތަކާއި ގުޅިގެން މިސްބާހް ސީއެންއެމް އަށް ވިދާޅުވީ، ޒުވާނުން ނުކުމެ އަޑު އުފުލީ ސުލްހަވެރިކަމާއި އެކު ކަމަށާއި ސްކޫލްގައި ކިޔަވަން ތިބި ކުދިންނަށް އުނދަގޫ ނުވާނެ ހެން އެކަން ކޮށްފައިވާ ކަމަށެވެ. އަދި ރައީސް އެ ދަންނަވާ ގޮތަށް ކުދިން ބިރުން ރޮއި ނުހަދާ ކަމަށާއި އެއީ ހުސް ދޮގު ވާހަކަތަކެއް ކަމަށް މިސްބާހް ވިދާޅުވި އެވެ.
އޭގެ އިތުރުން ރުށް ކެނޑުމުގެ މައްސަލަ އަކީ މީގެ ކުރިން ވެސް ބަޔަކު ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމުގައި ވެސް އޭނާގެ އަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މިސްބާހް އިތުރަށް ވިދާޅުވީ، ކިތައްމެ ކަމެއްގެ އިލްޒާމް ބޮލުގައި އެޅުވި ނަމަވެސް އެކަން ކަމުގެ ފަހަތުގައި މިސްބާހް ނުހިމެނޭނެ ކަމަށެވެ. މިސްބާހް ވިދާޅުވީ، ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންތިހާބަށް ކުރިމަތިލައިގެން އުޅުން އިރު، ރައީސް އަހުމަދު ވީ ވައުދުތަކަށް އަމަލު ނުކުރެވުމާއި މަޝްވަރާ ނުކޮށް ރައީސް އަމިއްލަ ވިސްނުމަށް ގޮތް ނިންމުން ކަމަށެވެ. އެފަދަ ކަންކަމަށް ގިނަ ޒުވާނުން ހިތްހަމަ ނުޖެހޭކަން މިސްބާހް ފާހަގަ ކުރި އެވެ.
ކޮންމެ އަކަސް މާމެންދޫ ކައުންސިލް ރައީސް އާއި ނައިބު ރައީސްގެ މައްސަލަތައް މިއޮތީ އިންތިހާ އަށް ބޮޑު ވެފަ އެވެ. މި ފެންނަ މަންޒަރު ތަކުން މި މައްސަލަ އިތުރަށް ގޯސްވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކޮށްފި އެވެ.