ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން އިއްޔެ ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖެ ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރެވެމުންދާތަން މިހާރު ފެންނަމުން އަންނަ ކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިދާއިރާތަކުން ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ މި ތިން އަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާކަން ފާހަގަ ކުރައްވާފަ އެވެ.
އިއްޔެ ބޭއްވި މި ރަސްމިއްޔާތު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް އެއަރޕޯޓްސްގެ މޮނިއުމަންޓް ހުޅުވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓުގެ ފަރާތުންނާއި ހޯރަފުށީ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދަވާދެއްވާފައެވެ.
މީގެ އިތުރުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ ހެލްތު ސެންޓަރާއި ހއ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައި މުވައްޒަފުންނާ މަޝްވަރާކޮށްލައްވާފައެވެ.