ads
ފޮޓޯ: އަވަސް----
ޖަލުތަކާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ހާލު ބަލަން އދގެ ވަފުދެއް ރާއްޖެ އަންނަނީ
ޖަލުތަކާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ހާލު ބަލަން އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައެވެ. 

ރާއްޖެ ޒިޔާރަތްކުރަނީ މި ގްރޫޕުގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދަކުންނެވެ. މި ރަސްމީ ދަތުރުގައި އެ ގުރޫޕު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 29 ވާ ހޯމަ ދުވަހުއެވެ. 

އެ ގުރޫޕުން މާލެ އާއި އެހެން ބައެއް ރަށްރަށަށް ވަޑައިގެން ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ވަޒަންކުރާނެއެވެ. އަދި ފުލުހުންގެ އިދާރާތަކަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުން އަދި ކުޑަކުދިން ބައިތިއްބާފައި ތިބޭ ތަންތަނަށް ވަޑައިގެން އެތަންތަނުގެ ހާލަތުވެސް ވަޒަން ކުރާނެއެވެ. މީގެ އިތުރުން ސަރުކާރާއި، އަމިއްލަ ޖަމާއަތްތަކާއި ބައްދަލުކޮށްވެސް މި ގުރޫޕުން މައުލޫމާތު ސާފުކުރާނެއެވެ.

އަދި އަންނަ ޑިސެމްބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހު މާގިރި ހޮޓަލުގައި ނޫސްވެރިންނާއި ބައްދަލުކުރާނެއެވެ. މި ބައްދަލުވުމުގައި އެ ވަފުދު ޒިޔާރަތްކުރި ތަންތަނުގެ ހާލަތަށް ރިއާޔަތްކޮށް، ތައްޔާރުކޮށްފައިވާ ވަގުތީ ރިޕޯޓެއް ނޫސްވެރިންނާއި ހިއްސާކުރާނެއެވެ.

އަދި އެކަމުގެ މައްޗަށް ތައްޔާރުކުރާ ފުރިހަމަ ރިޕޯޓް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް