ads
ރައީސް ގާފަރަށް ފުރާވަޑައިގަންނަވަނީ ފޮޓޯ ރައީސް އޮފީސް
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ގާފަރަށް ފުރާވަޑައިގެންފި
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ ގާފަރަށް ފުރާވަޑައިގެންފި އެވެ.

މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރައީސް އަރިހު ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ  ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

ރައީސްގެ 2 ދުވަހުގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ޤާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވާނެއެވެ. 

މީގެ އިތުރުން ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމާއި، ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގާފަރުގައި ބާއްވަވާ ރަސްމީ ޖަލްސާ ރައީސް ޝަރަފުވެރި ކޮށްދެއްވާނެއެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، ނައިބު ރައީސް ވަނީ ގާފަރު ބަނދަރު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވުމަށް  ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ގާފަރުގައި ޤާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރެއްވުމާއި، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ. 

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް