އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ޚުދުމުޚުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޮރ ޑިމޮކްރަސީ" ގައި ރައީސް ސޯލިހު ރާއްޖޭގެ ފަރާތުން ވަނީ ޤައުމީ ބަޔާން އިއްވަވައިފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުޑީޝަރީ މިނވަން ކުރުމުގެ މަސައްކަތްކުރައްވަނީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މިނިވަން ޝަރުޢީ ނިޒާމެއްގެ މުހިންމުކަން ބޮޑުވީމާ ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓިކް ހަމަތައް ބޮއްސުންލާންފަށައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން އިތުރުވަމުންދާ މި ދަނޑިވަޅަކީ މިފަދަ ސަމިޓަކަށް އެންމެ މުނާސަބު ވަގުތު ކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު ޑިމޮކްރެސީ ހަރުދަނާކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މިހާރުވެސް ތަޢުލީމީ ދާއިރާގެ 78 އިންސައްތަ ހިއްސާކުރަނީ އަންހެނުންކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ދާދިފަހުން ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ކޮންމެ ކައުންސިލެއްގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރަށްރަށުގައި މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަމިޓް ފޯ ޑިމޮކްރަސީ"ގެ ނަމުގައި ވަރޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މިސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.