2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މައްސަލާގައި، އޭނާއަށް އިންސާފު ހޯދަން ބޭއްވި ހިނގާލުމެއްގައި އާމިނަތު ރަޝީދާ ވަނީ ބައިވެރި ވެފައެވެ.
އެކަމާ ގުޅިގެން އެ މައްސަލަ އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް އޭރު ހުށަހެޅިއެވެ.
ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ އެއްވުމަކީ ގަވާއިދާ ހިލާފަށޑް ބެއްވި އެއްވުމެއް ކަމަށާއި، އަދި އެފަދަ އެއްވުމެއްގައި އާމިނަތު ރަޝީދާ ބައިވެރި ވެފައިވާ ކަމަށެވެ.
މި ގޮތަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމާ ގުޅިގެން އެމައްސަލަ އާމިނަތު ރަޝީދާ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އޭނާ ހުށަހެޅީ ވަޒީފާ އިއާދަ ކޮށްދިނުމަށާއި، އޭނާ ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން މައްސަލަ ނިންމާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ތައް ހޯދުމަށް އެދިއެވެ.
އެކަމަކު ސިވިލް ކޯޓުން ނިންމާފައިވަނީ އޭނާ، މޯލްޑިވްސް ޕޮލިސް ސާރވިސްގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ކުރާ ފަރާތްތަކަށް މި ހިނގާ ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ހުކުމް ކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ރަހުމުކުޑަ ގޮތަކަށް ޔާމިން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.