މިހާދިސާގައި އަނިޔާ ލިބުނު އުމުރުން ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ބައްޕަ ސީއެންއެމް އަށް މިއަދު ބުނީ ވީހާއަވަހަކަށް އިންޑިޔާއަށް ފުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި އެކަމާބެހޭ ލިޔެކިއުންތައްވެސް ހަވާލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދަރިފުޅުގެ ލޮލުގެ ހާލަތު މިހާރު ހުރިގޮތެއް ނޭނގޭ ކަމަށާއި އެނގޭނީ ބޭރަށް ގޮސް ޓެސްޓުތައް ހެދުމުން ކަމަށް ލައިޝާންގެ ބައްޕަ ބުނެއެވެ.
"ދަރިފުޅާ އަހަރެންގެ ޕާސްޕޯޓުތަކުގެ ކަންކަން ނިމުނުހާ އަވަހަކަށް ފުރަން ތައްޔާރު މިވަނީ" ކުއްޖާގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ އެހާދިސާ ހިނގީ ތަޅުދަނޑި ނެތް ދޮރެއް އެކުދިން ހުޅުވަން އުޅުމުގެ ތެރޭގައިކަމަށެވެ.
"އެ ދޮރުގައި ނޯންނާނެ ތަޅުދަނޑިއެއް .ދެން ކޮންމެވެސް އެއްޗެއް ބޭނުން ކޮށްގެން ހުޅުވަނީ. ދެން އެގޮތަށް ހުޅުވަން އުޅެނިކޮށް ދުންޏެންހެން އައިސް ލޮލުގެ ސީދާ މެދަށް ވަނީ" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.
އިއްޔެ ތ.ތިމަރަފުށީ ކައުންސިލް ރައީސް އިސްމާއީލް އިބްރާހީމް ވެސް ސީއެން އެމްއަށް ވިދާޅުވީ އިއްޔެ މެންދުރު އެހާދިސާ ހިނގާފައިވަނީ ގޭގައި ދެކުއްޖަކު ކުޅެން އުޅެނިކޮށް ކަމަށެވެ.
މިހާދިސާގައި ވަޅިހެރި އަނިޔާވެފައި ވަނީ ލައިޝާންގެ ވައަތު ލޮލަށެވެ. އެ ހާދިސާ ހިނގުމާއެކު އާއިލާއިން އޭނާ ގޮވައިގެން ދިޔައީ ތ. ވޭމަންޑޫއަށެވެ.
އެ އާއިލާއިން ބައެއް މީޑިއާ ތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ ތަޅުދަނޑި ގެއްލިފައިއިން ދޮރެއް ހުޅުވަން ވެގެން ކުޑަ ދެކުދިން މަސައްކަތް ކުރަނިކޮށެވެ.
ވޭމަންޑޫން ފަރުވާ ދެވެން ނެތިގެން ރޭ 6:30 ހާއިރު ބަލި ކުއްޖާ ވަނީ މާލެއަށް ގެނެސް ފައެވެ.
ލައިޝާން ވަނީ އައިޖީއެމްއެޗްއަށް ދައްކައި، އަދި 12 ގަޑިއިރު ވަންދެން ނުކައި ބާއްވައި ޓެސްޓުތައް ހަދާފައެވެ.
އިއްޔެ މެންދުރު ޑޮކްޓަރު ވަނީ އެ ޓެސްޓުތަކާއި ގުޅޭ ނަތީޖާގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައެވެ. ރަނގަޅަށް ހުރި ލޯ މަތީގައި އަތް އެޅުމުން އަނިޔާވި ލޮލުން ލައިޝާންއަށް ނުފެންނަކަން ޑޮކްޓަރަށް ވަނީ އެނގިފައެވެ.
އެހެންވެ އިއްޔެވެސް ޑޮކްޓަރު ލަފާ ދީފައިވަނީ ވީހާ އަވަހަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށެވެ.