އެރަށުގައި މިވަގުތު އެންމެ ބޮޑު މައްސަލަ އަކަށް ވެފައި އޮތީ ކަރަންޓުގެ މައްސަލަ އެވެ. 250 ކިލޯ ވޮޓްގެ ޖަނަރޭޓަރަކުން މުޅި ރަށަށް ކަރަން ދޫކުރަން ޖެހުމުން އެ ކަރަންޓު މުޅި ރަށަށް ނުކަތައިގެން އުޅެން ޖެހޭ މައްސަލަ އެވެ.
ރޭވެސް އެރަށުގެ ރައްޔިތުން ތިބީ ކަނު އަނދިރީގައެވެ. ގާތްގަނޑަކަށް ފަތިހު 5:30 ވަންދެން ރައްޔިތުން ތިބީ ހޫނުކަން މަތީ އަލިކަމެއް ނެތިއެވެ. ޅަ ދަރިން ގޮވައިގެން މަގުމަތީ އެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ހަގީގަތުގައި އެރަށުގައި ހިންގަމުންދާ އެ ޖަނަރޭޓަރު އެއީ މުޅި ރަށަށް ފުރިހަމަ ކަރަންޓެއް ފޯރުކޮށްދޭނެ ވަރަށް ވުރެ ކުޑަ ޖަނަރޭޓަރެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިއްޔެ ހަވީރު 16:30 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައި ހުރި ކަމަށާއި އިންޖީނު ހުއްޓުނު ގޮތަށް އެ މަރާމާތު ކުރުމަށް ބައެއް ސާމާނު އެހެން ރަށަކުން ގެނެސް ކަރަންޓް ދެވުނު އިރު ފަތިސް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އަރިހުގައި ވެސް މި ވާހަކަ ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށެވެ.
"މީހުން ތިބީ ހަމަ ކަނު އަނދިރީގައި. މީހުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް. ފެނަކަ ބޭފުޅުން އެބަ މަސައްކަތް ކުރައްވާ މިކަމަކަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވަން" އަލީ ރަޝީދު ވިދާޅުވިއެވެ.
ފީވަކުން ވާހަކަ ދެއްކި އެރަށުގެ ރައްޔިތަކު ބުނީ، އަސާސީ ހައްގަކުން މަހުރޫމު ވާން ޖެހުން މިއީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. މިހާރުވެސް ވަރަށް ދުވަހު މި ވޭން ތަހައްމަލު ކުރަމުންދާ ކަން ފާހަގަކޮށް އޭނާ ބުނީ ކަރަންޓު ކެނޑި ދާނެ ކަމަށް ކުރިއާލާ ތައްޔާރުވެގެން ތިބެން ޖެހޭ ކަމަށެވެ.
"ރޭ ވެސް މީސް މީހުން މަގުމަތީ. ހޫނު ގަދަ ގަޑިއެއްގައި ކަރަންޓު ކެނޑިއްޖެއްޔާ ހޮޅު އަށިތަކާއި އަތިރިމަތިތައް ދާނީ ފުރިގެން. ސްކޫލްތަކުގެ ދަރިވަރުންނަށް މީ ބޮޑު ވޭނަކަށް ވަނީ" ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.
ފީވަކުގެ ކަރަންޓުގެ ހާލަތު ކިޔާދެމުން ވިޔަފާރިވެރިޔަކު ބުނީ، ރޭގައި ވެސް ބޭބެގެ ފިހާރައިގެ ފްރިޖު/އައިސް އަލަމާރީގައި ހުރި ގަނޑު ކުރާ ސާމާނުތައް މުޅިންހެން ހަލާކުވެގެން ދިޔަ ކަމަށާއި ނުވެސް އެނގި ކަރަންޓު ދާތީ ބައެއް މީހުންގެ އަގުބޮޑު ސާމާނަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
ސީއެންއެމް އިން ގުޅާލުމުން މިވަގުތު ފީވަކު ފެނަކަ ބްރާންޗްގެ މެނޭޖަރު ކަމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޝިޔާނާ ވިދާޅުވީ، ކަރަންޓުގެ މައްސަލަ އަށް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮންނަ ކަމަށާއި އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް މުޅި ރަށަށް ފުރިހަމަ ކަރަންޓެއް ފޯރުކޮށްދެވޭނެ ވަރުގެ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރަކަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޖީނުން ތެޔޮ ބަދަލު ކުރަން ވިޔަސް ޖެހެނީ ކަރަންޓު ކަނޑާލާށެވެ. ދޭތެރެއަކުން ކުއްލި އަކަށް އިންޖީނު ހުއްޓިވެސް ދާނެއެވެ. މިއީ ފީވަކު ރައްޔިތުންނަށް މިއަދު ބޮޑު ވޭނެކެވެ. ރަށުން ދެ އިރު ދެ ދަޅައަށް ކަރަންޓު ކެނޑެނީ އެވެ.