ads
ޔާމީން ރަޝީދު- ފޮޓޯ: މިހާރު
އާއިލާގެ އެދުމުގެ މަތިން ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފި
ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިމިފައިވާއިރު، ހުކުމް ކުރުން ލަސް ވަނީ އާއިލާއިން އެކަމަށް އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
Advertisement

މި މައްސަލައާއި ގުޅިގެން އެންމެފަހުން ބޭއްވި އަޑުއެހުމުގެ ގާޒީ ވަނީ މި ހިނގާ ޑިސެމްބަރު މަހު މި މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. 

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު (ސީއެންއެމް) އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔާމީން ރަޝީދު މަރާލި މައްސަލައިގެ ހުކުމް ކުރުން، އާއިލާއިން އެދިގެން ފަސްކޮށްފައި ވާކަމަށާއި، އާއިލާ މެމްބަރެއްގެ ބަލި ހާލަތު ހުރި ގޮތުން ހާޒިރުވެވެން ނެތް ކަމަށް އެ އާއިލާއިން އަންގާފައި ވާކަމަށެވެ. އަދި އެއާއިލާ އަކީ ބަރާބަރަށް އަޑުއެހުންތަކަށް ހާޒިރުވަމުން އަންނަ އާއިލާއެއް ކަމަށާއި، އެހެން ކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އާއިލާއިން އެދުނު ގޮތަށް އާއިލާގެ ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭ ދުވަހަކަށް ހުކުމް ކުރުން ފަސްކޮށްދެއްވާފައި ކަމަށެވެ. 

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. 

ދައުުލަތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ބުނީ އެ މީހުން ޔާމީން ރަޝީދު މަރާލީ އޭނާއަކީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެން ކަމަށެވެ. 

އެގޮތުން ޔާމީން މަރާލުމަށްޓަކައި ނޮވެމްބަރު، 2016 އިން ފެށިގެން އެ މީިހުން މަޝްވަރާތައް ކުރަން ފެށި ކަމަށާއި އަދި އެކިފަހަރު މަތިން އޭނާއަށް އިންޒާރު ދިންކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް