ads
މޫސުމަށް އަންނަ ބަދަލުތަކާއެކު އަފްގާނިސްތާނުގައި ނިއުމޯނިއާ ޖެހޭ ކުދިންގެ އަދަދު ވެސް ނިސްބަތުން ގިނަ ކަމަށް ޔުނިސެފުން ފާހަގަކުރޭ…
އަފްގާނިސްތާނުގެ ކުޑަކުދިންނަށް ސިއްހީ އެތައް މައްސަލަތަކެއް
އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ކުޑަކުދިން ސިއްހީ ގޮތުން އެތަކެއް ނުރައްކާތަކަކަށް ހުށަހެޅިފައިވާކަމުގައި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑްއިން ބުނެފިއެވެ.

ކާބޯތަކެތި ނުލިބުމާއި، ސާފު ބޯފެނުގެ ދަތިކަމާއެކު މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން މިހާރުވެސް ވަނީ ސިއްހީގޮތުން ބަލިކަށިވެފައެވެ. މި މައްސަލަތައް ކުރިއަށް އޮތް ތަނުގައި ހައްލުނުވާކަމުގައި ވާނަމަ ފުރާނަޔަށް ނުރައްކާވާފަދަ ބަލިތައް ޖެހުމުގެ ބިރު ބޮޑުކަމުގައި ޔުނިސެފްއިން މައުލޫމާތު ދެއްވައެވެ.

2021 ވަނަ އަހަރުގެ މިހާތަނަށް މީސްލްސް ޖެހިގެން  66،000 (ފަސްދޮޅަސް ހަހާސް) ކޭސް ރިޕޯޓުކުރެވިފައިވާއިރު، ބޭރަށް ހިންގުމާއި، މެލޭރިޔާ އަދި ޑެންގޫފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން "ވައިލްޑް ޕޯލިއޯވައިރަސް ޓައިޕް 1" ގެ ހަތަރު ކޭސް ރިޕޯޓުކުރެވިފައިވެއެވެ. 

މޫސުމަށް އައި ބަދަލުތަކާއި ގުޅިގެން އަފްގާނިސްތާނުގައި މިހާރުވެސް ނިއުމޯނިއާ އާއި އެކިއުޓް ރެސްޕިރޭޓަރީ އިލްނެސް (އޭ.އާރު.އައި) ފަދަ ބަލިތައް އިތުރުވެދާނެކަމުގެ ބިރު އޮތްއިރު އަފްގާނިސްތާނުގެ އާއިލާތައް މި ފަދަ މޫސުމީ ބަދަލުތަކުން އަރައިގަތުމަށްދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. މި ގައުމުގެ އެންމެ ފިނި ހިސާބުތަކުގައި ދިރިއުޅޭ ކުޑަކުދިންނަކީ ފަސޭހައިން ބަލިޖެހޭ ކުދިންތަކެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ޔުނައިޓެޑް ނޭޝަން އޭޖެންސީއިން ވިދާޅުވީ މި ފަދަ ކުދިންނަކީ އެންމެ އަވަހަށް ފަރުވާ ލިބެންޖެހޭ ކުދިންކަމުގައެވެ. އެގޮތުން އަލިފާން ރޯ ކުރުމަށް ބޭނުންވާ ތެލާއި ރަޖާ އެންމެ އަވަހަށް ބޭނުންވަނީ މިފަދަ ހިސާބުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށެވެ.

އިތުރު މައުލޫމާތު ދެއްވަމުން އެ އޭޖެންސީއިން ބުނެފައިވަނީ 30-25 ޕަސަންޓުގެ މަރަކީ ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ނޭވާލާ ނިޒާމުގައި އުފެދޭ އިންފެކްޝަނުގެ ނަތީޖާ ކަމުގައެވެ. އަދި މީގެ 90 ޕަސެންޓް މަރަކީ ނިއުމޯނިއާ ޖެހިގެން މަރުވާ ކުދިން ކަމުގައެވެ.

ޔުނިސެފްގެ އަފްގާނިސްތާނުގައި ހުންނަވާ ރިޕްރެޒެންޓޭޓިވް، އަބްދުލް ގާދިރު މޫސާ ވިދާޅުވީ މި މައްސަލަތަކަށް ހައްލު ނުހޯދާ ވަގުތު ބޭކާރު ކުރެވެން ނެތްކަމަށާއި ފައިސާއާއި އެހެނިހެން ތަކެތި ހޯދުމުގައި ދަތި ނުވާނެހެން މަސައްކަތް ކުރިޔަށް ގެންދާނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ.  

އަފްގާނިސްތާނުގެ 24 މިލިއަން މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓައި ޑިސެމްބަރ މަހުގެ ކުރީކޮޅު ޔުނިސެފްއިން ވަނީ އެންމެ ބޮޑު "ސިންގްލް ކަންޓްރީ އެޕީލް" އާންމުކޮށްފައެވެ. ދެ ބިލިއަން ޔޫއެސް ޑޮލަރުގެ މި އަމާޒަކީ އާއިލާތަކާއި ކުޑަކުދިން ހުށަހެޅިފައިވާ ސިއްހީ ނުރައްކާތަކަށާއި، ތައުލީމަށާއި އެހެނިހެން މުހިންމު ބޭނުންތައް ފުއްދުމަށްޓަކައި ޔުނިސެފްއިން އެކުލަވާލި އެޕީލްއެކެވެ. މިޔާއެކު ޑިސެމްބަރު މަހު ސިއްހީ ދާއިރާތަކުން 10،000 (ދިހަހާސް) އަށްވުރެ ގިނަ ފްރޮންޓްލައިން ހެލްތު ވޯކަރުންގެ އާމްދަނީއާއި ސިއްހީ ދާއިރާގެ ކަންކަމަށާއި މެޑިކަލް ސަޕްލައިތަކަށް ވަނީ ހަރަދުކޮށްފައެވެ.

ޔުނިސެފްއިން އަންދާޒާ ކުރާގޮތުގައި 2022 ވަނަ އަހަރު، ސާފު ބޯފެނާއި، ސާފުތާހިރުވުމަށް ބޭނުންވާ އަސާސީ ބޭނުންތައް ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން ފަސް އަހަރުގެ ކޮންމެ ދެކުއްޖަކުން އެއްކުއްޖަކީ މަލްނަރިޝްޑް ކުއްޖެކެވެ. ނަމަވެސް މިފަދަ ކުޑަކުދިންނަށް ސިއްހީ ފަރުވާ އެންމެ އަވަހަށް ދިނުމަކީ ޔުނިސެފްގެ އެންމެ މުހިންމު އަމާޒުކަމުގައި ޔުނިސެފުން މައުލޫމާތު ދެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް