އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 1948 ވަނަ އަހަރު ދީނީ އެއްވުމެއްގައި ބައިވެރިވަޑައިގަންނަވަނިކޮށް ގާންދީ އަވަހާރަކޮށްލައިފައިވަނީ ހިންދޫ ހަރުކަށި ފިކުރުގެ މީހެކެވެ.
އޭރު ހިންދޫ އޯގަނައިޒޭޝަންތަކުން ބުނަމުންދިޔައީ 1947 ވަނަ އަހަރު އިންޑިއާއަށް ވެރިވެގަނެގެން ތިބި އިނގިރޭސީން އިންޑިއާ - ޕާކިސްތާން ޕާޓިޝަން ޖެހި އިރު ގާންދީ ހުރީ މުސްލިމުން ކޮޅަށް ޖެހިފައިކަމަށެވެ.
މި މަހު ކުރީކޮޅު އިންޑިއާގެ މަދިޔަ ޕްރަދޭޝްގައި އޮތް ހިންދޫ ދީނުގެ އެއްވުމެއްގައި ވާހަކަދެއްކި މީހުން ވަނީ އެގައުމުގެ އުޅޭ އެހެން ދީންތަކުގެ މީހުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކާފައެވެ. އެ މައްސަލައިގަައި ބުރާސްފަތި ދުވަހު ކާލީޗަރަން މަހަރާޖު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ފުލުހުން ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކާލީ ޗަރަން ވަނީ "ގާންދީ ވަނީ މިގައުމުގެ ފަނާކޮށްފައި" ކަމަށް ބުނެފައެވެ. އަދި "އޭނާ މަރާލި ނަތުރާމް ގޮޑްސޭއަށް ސެލިއުޓް" ކުރާ ކަމަށް ބުނެފައެވެ.
ތަހުގީގަށް ފަހު ކޯޓުގައި އޭނާ އާއި ދެކޮޅަށް ދައުވާކޮށް ސާބިތުވެއްޖެ ނަމަ އޭނާއަށް ފަސް އަހަރުގެ ހުކުމެއް އަންނާނެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އެއްވުމުގައި މިހާރު އިންޑިއާގެ ވެރިކަންކުރާ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސިޔާސީ ފަރާތެއް ވެސް ބައިވެފައިވެއެވެ.
އުއްތަރުހާންދު ސްޓޭޓްގެ ވެރިކަން ކުރަނީ ބީޖޭޕީ ސަރުކާރަކުންނެވެ. އެ ސްޓޭޓްގެ ފުލުހުން ވަނީ ތުހުމަތުވާ މީހުންނާ ސުވާލުކޮށްފައިވީނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ މުސްލިމުންގެ މަރާލަން ގޮވާލި އެ އެއްވުމުގައި ބައިވެރިވި ހިންދޫ ލީޑަރުން ހައްޔަރުކުރަން ގޮވާލައިފައެވެ.
އިންޑިއާގައި ހަރުކަށި ހިންދޫން މުސްލިމުން އަދި އެހެން ދީންތަކުގެ މީހުންނަށް ގޯނާކުރުން އިތުރުވީ ބޮޑުވަޒީރު މޯދީގެ ޕާޓީ 2014 ވަނަ އަހަރު އޮތް އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވި ފަހުންނެވެ. އެ ފަހުން 2019 ވަނަ އަހަރު އޮތް އިންތިހާބުވެސް ކާމިޔާބު ކުރީ އެ ޕާޓީންނެވެ.
އެކެއް ޕޮއިން ހަތަރު ބިލިން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ 14 އިންސައްތަ އާބާދީ އަކީ މުސްލިމުންނެވެ.