ads
ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ހިމެނޭ މީހުން
ޑްރަގުގެ މައްސަލައެއްގައި ސަލާމަތްވި ދެމީހަކު އަނެއްކާވެސް ޑްރަގާއެކު ހައްޔަރަށް
ޑްރަގް ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށް ދައުވާ ކުރުމަށްފަހު އެމައްސަލަ ސާބިތު ނުވެ ސަލާމަތްވި ދެމީހެއް އަނެއްކާވެސް ޑްރަގްއާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވާ ދެމީހުންންކީ، ގދ. ހޯނޑެއްދޫ /އިރުމަތީގެ، އަޙްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ /ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެވެ. 

މި ދެމީހުންވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރި  ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްސީލާއި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު މިހާރުވަނީ އާއްމު ކޮށްފައެވެ.

އެ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބުރުޒުމަގުން  ޓެކްސީއެއް ހުއްޓުވައި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ މިއަހަރު ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށްކިޔާ ލޯންޗުން މާލެއަށް ހޯނޑެއްދޫ / ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން (31 އ) އާއި ހޯނޑެއްދޫ / އަލޯރާ، އަޙްމަދު މުޖާހިދު (29އ) އެތެރެކުރި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެމިހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހޯނޑެއްދޫ / އަލޯރާ އަރުޝަދު ޚާލިދު (26އ) އެ ތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. 

އަދި މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަރުޝަދު ޚާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތްކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް