ads
އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި
ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ރަސްމީކޮށް ރޭ ތައާރަފް ކޮށްދެއްވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެރަށުގައި މި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވަނީ މިމަހުގެ 18 ވަނަ ދުވަހު ގާއިމް ކުރެވިފަ އެވެ.

އާބާދީގައި 876 މީހުން އުޅޭ އިންނަމާދޫ ރައްޔިތުން މީގެ ކުރިން މި ހިދުމަތް ހޯދަމުން ދިޔައީ އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލުންނެވެ. އެކަމުގެ ސަބަބުން ހިދުމަތް ހޯދުމަށް އުނގޫފާރަށް ދިއުމަށް ލޯންޗެއްގައި ނަމަ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެއް ނުވަތަ ފެރީއެއްގައި ނަމަ އެއް ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ. 

މިނިސްޓްރީން ބުނީ އިންނަމާދޫގައި ލެބޯޓްރީގެ ހިދުމަތް ދޭން ފެށުމާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ.

- އެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

މީގެއިތުރުން މިނިސްޓްރީން ބުނީ އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ ހޯދަމުން އަންނަ ހަތަރު ކުދިން ދިރިއުޅޭ ރަށެއް ކަމުން އެ ރަށުގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުވެގެން ދިއުމަކީ މިކުދިންގެ ފަރުވާއަށް ވެސް ލުއެއް ލިބޭނެ ކަމެއް ކަމަށެވެ.

އިންނަމާދޫ ލެބޯޓަރީ އިމާރާތަކީ އިންނަމާދޫ ކައުންސިލްގެ ފަރާތުން ކުންފުނިތަކާއި ގުޅިގެން އިމާރާތްކޮށްފައިވާ ތަނެކެވެ. މިތަނުގައި ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ޓެސްޓްތައް ހެދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ރ. އަތޮޅުގައި މިހާރު ލެބޯޓްރީގެ ހިދުމަތް ލިބެނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ރ. އަލިފުށި ސިއްހީ މަރުކަޒާއި، ރ. ދުވާފަރު ސިއްހީ މަރުކަޒާއި، ރ. ހުޅުދުއްފާރު ސިއްހީ މަރުކަޒާއި، ރ. އިނގުރައިދޫ ސިއްހީ މަރުކަޒާއި، ރ. މަޑުއްވަރި ސިއްހީ މަރުކަޒާއި، ރ. މީދޫ ސިއްހީ މަރުކަޒާއި އަދި ރ. ރަސްގަތީމް ސިއްހީ މަރުކަޒުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް