މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު ތާވަލުކޮށްފައިވަނީ މެންދުރު 13:00 އަށެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ރައީސް ޔާމީން އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑަ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ގައެވެ.
މިމައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ވ. އާރަށާއި ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވީ، ކޮވިޑް-19އާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލާފައިވަނިކޮށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް މިމައްސަލާގައި ޖިނާއީ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވާފައި އޮތީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުކޮށެވެ.
ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފަޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށްދީފައިއޮތް ނަމަވެސް ތަސްމީނުގެ އަތުން އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފައި ކަމަށްވެއެވެ. އެރަށް ތަސްމީނު އަތުން އަތުލީ އޮގަސްޓުމަހުއެވެ. އެފަހުން އެއާއި ޖެހިގެން އައި ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.
ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.
އެހެންކަމުން އަލަށް ދައުވާކުރުމަށް ފޮނުވާފައިމިވާ އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުން އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެފަހުން 501 ދުވަހު ޖަލުގައި ހުންނެވުމަށްފަހު ގޭ ބަންދަށް ވަޑައިގެންފައިވަނީ މިދިޔަ އެޕްރީލް މަސްތެރޭގައެވެ.
ރައީސް ޔާމީން މިހާރު ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމުން ސަލަމާތްވެވަޑައިގެން މިނިވަނެއްގެ ގޮތުގައެވެ.