އެމް.ޑަބްލިޔު.އެސް.ސީއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ރ. ދުވާފަރުގައި 35kWp ގެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފިއެވެ.
މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48kWp ގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ. އަލަށް ހަރުކުރެވުނު މި ސޯލަރ ޕަވާ ސިސްޓަމާއެކު، ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83kWp ގެ ސޯލާ ޕަވރ އަށް ވަނީ އިތުރުވެފައެވެ.
2012 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭނެހެން މިކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރު ތަކުގައި ދަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ.
މިގޮތުން، ޖުމްލަ 578kWpގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން މިއަދު އެކުންފުނިން ވަނީ ހޯދާފައެވެ.
މި މަސައްކަތާއެކު، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް މިސަރުކާރުން ކަނޑައަޅާފައިވާ ސިޔާސތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
އެކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ.ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.