ނ. މަގޫދޫގައި ފެނަަކައިން ތަރައްގީކުރި އާ އިންޖީނުގެ ހުޅުވައިދެއްވާ އެ އިންޖީނުގެއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ރައްޔިތުން ތިބީ އަސާސީ ގިނަ ހިދުމަތްތަކަކުން މަހުރޫމުވެފައި ކަމަށެވެ.
ނަމަވެސް މި ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ހިދުމަތައް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަން ފާހަގަކުރައްވާ، މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 133 ރަށަކަށް 213 އާ އިންޖީނު ފޯރުކޮށްދެވިފައިވާ ކަމަށާއި، 112 ރަށެއްގެ ކަރަންޓު ކޭބަލް ނެޓްވަކް އަޕްގްރޭޑް ކުރެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 39 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެސް އިތުރު 31 ރަށެއްގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، އިތުރު 14 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ރާވާފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަރަންޓުގެ ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.
އެގޮތުން، މިސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަން ފާހަގަކުރައްވާ، އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް މަގޫދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.