މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިންހިއްކުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ލެބޯޓްރީގެ ހިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އާ އެމްބިއުލަންސެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްގީ ކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ހިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިގްތިސާދީ އިޖްތިމާއީ ތަރައްގީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދިއްފުށީ ބިންހިއްކައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަވެސް ހައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންރައީސް ސޯލިހު ވަނީ ވަކިރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ފުރިހަމަ ކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަ ކުރައްވާފައެވެ.