އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުނީ އެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ކުރިންވެސް ދޭން އެއްބަސްވެފައިވާ ކުރީގެ ނާދީ ބިމާއި، ކުރީގެ އޯޑިއޯން ބިމުގެ އިތުރުން ރިސޯޓެއް ހިންގުމަށް ފަޅު ރަށެއް ދިނުމަށް ނިންމާފައި ވާކަމަށާއި، އެކަމުގެ އެއްބަސް ވުމުގައި މި ހަފްތާ ތެރޭ ސޮއި ކުރެވިގެން ދާނެ ކަމަށެވެ.
އަދި މިއީ، ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަކުގެ ސަބަބުން އުފުލަން ޖެހޭ ބުރަތަކެއް ކަމަށާއި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ މިފަދަ އެތައް ކަމެއް ކޮށްފައި ވުމުން ސަރުކާރަށް އޭގެ ތަކުލީފުތައް އުފުލަން ޖެހިފައި ވާކަމަށެވެ. އަދިވެސް މިފަދަ އެތައް މައްސަލަތަކެއް އެބަހުރި ކަމަށްވެސް އަކްރަމް ކަމާލުއްދީން ފާހަގަ ކުރެއްވިއެވެ.
އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލްކުރުމުން ޓާޓާ އިން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ހޯދާށެވެ. ފަހުން ކޯޓުން ބޭރުގައި ދިވެހި ސަރުކާރާ އެކު ޓާޓާ އިން އެއްބަސްވުމަކަށް އައިސް ފްލެޓް އަޅަން އެ ކުންފުންޏަށް އެހެން ބިމެއް ދޭން ނިންމީ އެވެ. އެކަމަކު އެ އެއްބަސްވުން ކުރިއަކަށް ނުގެންދެ އެވެ. އެ ބިންތަކުގައި އެއްވެސް މަސައްކަތެއް ނުފެށި ވިނަވެފައި އޮންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.
މި ދެބިން ހުޅުވާލުމަށް މީގެ ކުރިން، މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގައި އެދިފައެވެ.