ޓާޓާ އަށް އަލުން ކުރީގެ ނާދީ ހުރި ބިމާއި އޯޑިއޯން ބިމުގެ އިތުރުން ރިސޯޓެއް ތަރައްގީ ކުރުމަށް ފަޅުރަށެއް ދިނުމަށް މި ހަފްތާ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި މި ފަދަ ގޮތަކަށް އެއްބަސްވުމެއް ހަދަން ޖެހުނީ ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ކަންކަމުގެ ސަބަބުން ކަމަށްވެސް އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން ބާތިލް ކޮށްފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް އެ ބިންތައް ނޫން އެހެން ބިންތަކެއް ދިނުމަށް މަޝްވަރާތައް ކުރެެއްވި ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އެކުންފުންޏާއި އެކު މަޝްވަރާތައް ވެސް ކުރެވުނު ކަމަށާއި، އެގޮތަށް މަޝްވަރާ ކުރީ ނާދީ ހުރި ބިމާއި އޯޑިއޯން ބިން ހުރި ސަރަހައްދަކީ ބާރު ބޮޑު ސަރަހައްދަކަށް ވެފައި އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫ ތަކެއް ކުރިމަތި ވެދާނެ ކަމަށް ފެނުމުން ކަމަށެވެ. އަދި އެއްބަސްވުން ބަދަލު ކުރާނަމަ، 30-40 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އެހެން ކަމުން އެކަން ނުކުރަން 2018 ވަނަ އަހަރު ނިންމި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއް އިރެއްގައިވެސް ނުނިންމަން އެއްބަސްވުން ބާތިލް ކުރާކަަށް. އޭރު މަޝްވަރާ ކުރެވުނީ، އެ ދެ ބިމުގެ ބަދަލުގައި މާލެއިން އެހެން ތަނެއް ދިނުމަށް. އެހެން ނަމަވެސް އެއްބަސްވުން އޮތީ ޓާޓާ ކުންފުންޏަށް ފައިދާވާ ގޮތަށް ހަދާފަ. އެހެން ކަމުން އެއްބަސްވުން ބަދަލު ކުރާނަމަ އިތުރަށް 30-40 މިލިއަން ޑޮލަރު ދައްކަން ޖެހޭ. އެހެން އެކަން ނުކުރުމަށް 2018 ވަނަ އަހަރު ނިންމީ." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ކުރިން ނިންމާފައި އޮތް ކަމެއް އަލުން ނަގައިގެން މި ސަރުކާރުން މި ދައްކަނީ އެކަމުގެ އަޑީގައި އެހެން ކަންތައް ގަނޑެއް އޮތުމުން ކަމަށާއި، މިކަމުގައި ކޮރަޕްޝަންގެ ކަންތައްތަކެއްވެސް އުޅޭ ކަމަށެވެ. އަދި މިއީ، ބަޔަކު ނާޖާއިޒް ފައިދާ ތަކެއް ނެގުމަށް ދައްކާ ވާހަކަތަކެއް ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.