
ސަނީ މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ރޯޔަލް އައިލެން ރިސޯޓް އެންޑް ސްޕާ ގައެވެ. އޭނާގެ ދަރިންނާއެކު އިންޑިއާގެ އެއާޕޯޓުން ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ބެލެވޭ ގޮތުގައި ދަރިންނާއެކު ސަނީ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އިއްޔެ އޭނާ ވަނީ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ހިއްސާކުރަން ފަށާފައެވެ.
އެގޮތުން ރޯޔަލް އައިލެންޑްގެ ބީޗެއްގައި ރާޅުފަށުގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ދޫކޮށްލާފައެވެ. އަދި ވޯޓާ ސްޕޯޓްސްގައި ނަގާފައިވާ ވީޑިއޯތަކެއް ވެސް ސްޓޯރީ މެދުވެރިކޮށް ފޭނުންނަށް ވަނީ ދައްކާފައެވެ.
ސަނީ ވަނީ މީގެ ހަތަރު މަސް ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.
އެފަހަރު ޗުއްޓީ ހޭދަކުރީ ސަން ސިޔާމް އޮޅުވެލިފުށީގައެވެ. އެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ގިނަ ފޮޓޯތައް ފޭނުންނަށް ހިއްސާކުރި އިރު ރާއްޖެ ދޫކޮށް ދާން ޖެހުމުން ދެރަވެ ހިތާމަ ކުރި ކަމަށް އޭރު ސަނީ ވަނީ ބުނެފައެވެ.
ސަނީ އަކީ އަބަދުވެސް ފިރިމީހާ އަދި ދަރިން ގޮވައިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ފަންނާނެކެވެ.