ads
ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން
2030 އާ ހަމައަށް 18 އަހަރުވާ އެންމެންނަށް ބޯހިޔާވަހިކަން އަދިވެސް ޔަގީން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކުރިން ވެސް ވައުދުވެވަޑައިގެންނެވި ފަދައިން 2030 އާ ހަމައަށް 18 އަހަރުވާ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ވިސްނުން އަދިވެސް ގެންގުޅުއްވާ ކަމަށާއި އެމަނިކުފާނު އެ ވައުދުފުޅު އަދިވެސް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިންގައި ފޯކައިދޫއަށް ވަޑައިގަތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ 2030އާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދޭނެކަން އޭރު އިއުލާން ކުރެއްވީ ވެސް އެކަން ކުރެއްވުމުގެ އަޒުމް ވަރަށް ވަރުގަދައަށް އޮންނަވާތީ ކަމަށެވެ. ޔާމީން ވިދާޅުވީ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ އެ މަނިކުފާނު އިސްކަން ދެއްވި ކަމެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެއީ ހޭދަ ބޮޑު ނިންމުމެއް ކަމަށާއި އެއީ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އެއީ ބޮޑު ޒިންމާއެއް ކަމަށާއި ކުޑަ ކަމެއް ނޫންކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ މުޅި ޕީޕީއެމްގެ ވެސް އަޒުމް ކަމަށާއި އެޕާޓީން އެކަން ކުރީސް ކަމަށެވެ.

ޔާމީން ވިދާޅުވީ 2030 އާ ހަމައަށް 18 އަހަރުވާ ކުދިންގެ ވާހަކަ ދައްކަވާއިރު އެއީ ވަރަށް ގިނަ އަދަދެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި އެ ކުދިންނަށް ބޯހިޔާ ވަހިކަމުގެ ކޮންމެވެސް ގޮތެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި  ޕީޕީއެމުން ވެރިކަމަށް އާދެވިއްޖެނަމަ އެކަން ކަށަވަރުކުރަން ނުހަނު ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މާލެ ސަރަހައްދުން ވިޔަސް، ފްލެޓެއް ނުވަތަ އެޕާޓްމަންޓެއް ނުވަތަ ގެދޮރުވެރިކަމުގެ ކޮންމެވެސް ގޮތެއް ހޯއްދަވައި ދެއްވާނަން،" ޔާމީން ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަތުހީ ކޮމަންޑޫ ދާއިރާއަށް އިންތިހާބު ކުރަންވީ ގިނަ ސަބަބަތައް ޔާމީން ވަނީ ރައްޔިތުންނަށް ކިޔާދެއްވާފައެވެ. އެގޮތުން ފަތުހީ އަކީ އިލްމީ ގާބިލް އަދި ދީނާއި ސިޔާދަތު ދަމަހައްޓަވާނެ ބޭފުޅެއް ކަމަށާއި މުޅި ކޮމަންޑޫ ދާއިރާގެ އަޑު އިއްވާ ދާއިރާއަށް ތަރައްގީ ހޯއްދަވައިދެއްވަން ފަތުހީ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވެސް ޔާމީން ވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކޮށްގެން ނޫނީ މި ރާއްޖޭގައި އަމާންކަން ގާއިމުނުވާނެ ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް