ދިވެހި ބްލޮގަރ އަދި ހިއުމަން ރައިޓްސް ޑިފެންޑަރ ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުން 2 މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް އަދި 4 މީހަކުގެ ކުށް ސާބިތުނުވާކަމަށް 19 ޖެނުއަރީ 2022 ވަނަ ދުވަހުގައި ވަނީ ނިންމާފައެވެ.
ޔާމީން ރަޝީދު (29 އަހަރު، ސ. ފޭދޫ ޗަނބޭލީގެ) ވަނީ 2017 އޭޕްރީލް 23 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީއަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. 19 ޖެނުއަރީ 2022 ވީ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިސްމާޢީލް ހައިޝަމް ރަޝީދު އަދި އަހުމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށާއި ހުސައިން ޒިޔާދު އާއި ހަސަން ޝިފާޒްއާއި މުޙައްމަދު ދިފްރާން އާއި އިސްމާޢީލް ރަޝީދުގެ މައްޗަށް ދަޢްވާ ކޮށްފައިވާ ކުށް ސާބިތުކުރެވޭވަރުގެ ހެކި ހުށައަޅާފައި ނުވާކަމަށް ނިންމައި އެ ހަތަރު މީހުން މިނިވަން ކޮށްފައެވެ.
މިކަމާގުޅިގެން އޭޑީއެމް އިން މިއަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ދެމީހުންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އުމުރަށް ޖަލަށްލުމެވެ. ޤިޞާޞް ގެ ބައި ފުރިހަމަކުރުމަށްޓަކައި ކޯޓުން ޔާމީން ރަޝީދުގެ ވާރިސުންގެ ބަސް ހޯދިއެވެ. ޔާމީން ރަޝީދުގެ މަންމަ އެދުނީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށެވެ.
"އަހަރެންގެ ދަރިފުޅުގެ ފުރާނައަކީ އަގުކުރެވޭނެ އެއްޗެއް ނޫން. ޔާމީންއަކީ މަރަށް މަރު ހިފުމާ ދެކޮޅަށް ވަކާލާތުކުރި މީހެއް. އެހެންކަމުން އޭނާގެ ނަމުގައި މީހަކުގެ ފުރާނަ ހިފާކަށް އަހަރެން ނޭދެން. ކޮންމެ އިންސާނަކަށްވެސް ދިރިހުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްކަމަށް ޔާމީން ޤަބޫލުކުރި، އަދި އަހަރެން އެކަމަށް އޭނާއަށް ވަރަށް ތަޢުރީފުކޮށް ޤަދަރުކުރަން." – (މަރިޔަމް ޝަފީޤާ) ޔާމީން ރަޝީދުގެ މަންމައާ ހަވާލާދީ އޭޑީއެމް އިން ބުނެފައިވެއެވެ.
"ޔާމީންގެ އާއިލާއިން ވަނީ އެކަމަށް ކަނޑައަޅާފަވާ މުއްދަތުގެތެރޭގައި ކުށް ސާބިތުކޮށް ނުދެވުނު މީހުންގެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިފައެވެ. އަދި ގަދަކަމުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ވަގަށްނެގި ކަމުގެ ދަޢްވާ އުފުލި މީހުން 2018 ވަނަ އަހަރުގައި ކޯޓުން މިނިވަން ކުރުމުން އެމައްސަލަ އިސްތިއުނާފު ކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ." މިއަދު އޭޑީއެމް އިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ ޝަރީއަތުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރުގައި، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގައި ހިންގާފައިވާ ތަޙްޤީޤު އަދި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢްވާ އުފުލާފައިވަނީ ތަޢައްޞަބުން އެއްކިބާވެގެން، އެކަށީގެންވާ ޕްރޮފެޝަނަލް ކަމާއެކުގައި ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ޔާމީން ރަޝީދު މަރާލި މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް ނިންމާ، ލަސްނުކޮށް ދަޢްވާ އުފުލުމަށްޓަކައި ފޮނުވުމަށް މަރު ކޮމިޝަނަށް ގޮވާލާ ކަމަށްވެސް ބަޔާނުގައިވއެވެ.
ޝަރީއަތާ ގުޅިގެން އާއިލާއިން ފާހަގަކޮށްފައިވާ ކަންތައްތައް
"ހަމައެކަނި އެކި ދިމާއިން އައިސްފައިވާ 6 ޒުވާނުން ގުޅިގެން މީހަކު މެރުމަށް ރާވާ، އޭނާ މެރުމަށްފަހުގައި އެކަމުން ރެކެވޭނެ ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. ފަސް އަހަރު ވާއިރުގަވެސް މިކަމުގެ ފަހަތުގައި ތިބި ބަޔަކު ފުލުހުންނަށް ނުހޯދެނީ ކިހިނެއްވެގެންކަން އަހަރެން ބަލަން ބޭނުން. (މައްސަލައިގައި ހިމެނޭ) އެމީހުންނަށް އެކަށީގެންވާ ގޮތަށް ދަޢްވާ އުފުލާފައި ނުވަނީ ކިހިނެއްވެގެން؟ ޕީޖީ އޮފީހުން ފަސޭހަ ގޮތް ޚިޔާރުކުރީ ކީއްވެ؟" – އާއިޝަތު ރަޝީދު، ޔާމީން ރަޝީދުގެ ދައްތައާ ހަވާލާދީ އޭޑީއެމް އިން ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;