ads
މ. މުލައް
މ. މުލަކުން ކަނޑާލި ގިނަ އަދަދެއްގެ ރުއްތަކެއްގެ މައްސަލަ ފެންމަތި ވެއްޖެ
މ. މުލަކުން ކަނޑާލި ރުއްތަކަކަށް ފައިސާ ނުލިބޭ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
Advertisement

މ. މުލަކުގެ އެކި ސަރަހައްދު ތަކުން ގިނަ އަދަދެއްގެ ރުއްތަކެއް ނިމިދިޔަ ކައުންސިލުގެ ދައުރުގައި ކަނޑާފައި ވާއިރު، ލިބެންޖެހޭ ފައިސާގެ ތެރެއިން 4 ލައްކަ ރުފިޔާ ނުލިބޭކަމަށް ބުނެ އެރަށުގެ މީހުން ވާހަކަ ދައްކަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން  މުލަކު ކައުންސިލުން ބުނީ 2019 ވަނަ އަހަރު މާޗް މަހުގެ 21 ވަނަ ދުވަހު ރުއްގަސް ކަނޑާލުމަށް އިއުލާން ކޮށްފައި ވާނެ ކަަމަށެވެ. އަދި އެ އިއުލާނާއި ގުޅިގެން އެ އަހަރު އޮގަސްޓް މަހު އިއުލާނު ގައިވާ އެއްބަސްވުން ހަދައި ބިޑްކޮށް "ސަޝީ ކޮންސްޓްރެކްޝަން ކޮމްޕެނީ" އާއި ހަވާލުކޮށް އޭގެ ތެރެއިން ބައެއް ރުއްތައް ކަނޑާ ލާފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެއެވެ.

އެހެންނަމަވެސް ކައުންސިލުން ބުނީ 819 ރުއް ކަނޑައިގެން ވިއްކުމަށް އެއްބަސްވުން ހެދިކަމުގައިވިޔަސް އީޕީއޭއިން ހުއްދަ ނުލިބިގެން އެއަދަދަށް ރުއް ކަނޑާފައި ނުވާކަމަށެވެ. އެ ކައުންސިލުން ބުނީ ކަނޑާފައިވަނީ 562 ރުއް ކަމަށެވެ.

"ފުރަތަމަ 819 ރުއް ޖުމްލަ ކަޑާލަން އިއުލާން ކުރީ. ނަމަވެސް އީ.އައި.އޭގެ ރިޕޯޓް ހަދާ ނިމުމުން އީޕީއޭން ހުއްދަ ލިބުނީ 562 ރުއް ކަނޑާލުމަށް. އެހެންވެ ކަނޑާ ލާފައިވަނީ 562 ރުއް" ކައުުންސިލް ރައީސް އަހުމަދު ޖަމާލު ވިދާޅުވިއެވެ.

މިކަމާގުޅިގެން، މިވަގުތު ކަރަންޓީނުގައި ހުންނެވި، ސަޝީ ކޮންސްޓްރެކްޝަން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދު ވިދާޅުވީ ދޭންޖެހޭ ފައިސާ ހުންނާނީ އެކައުންސިލަށް ދައްކާފައި ކަމަށާއި، ކަރަންޓީނުގައި ހުންނެވުމުގެ ސަބަބުން ސީދާ އަދަދުތައް ދަންނަވަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އެކިސަރަހައްދުތަކުން ގިނަ އަދަދެއްގެ ރުއްތައް ކެނޑިފައިވާނެ ކަމަށް ވިދާޅުވިއެވެ. 

އެރަށު ކައުންސިލުން ބުނީ ކަނޑާފައިވާ ރުއްތަކުގެ ތެރެއިން ބައެއް ރުއް މިހާރު ވެސް ރަށް ޒީނަތްތެރި ކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދު ތަކުގައި އިންދާފައިވެސް ވާ ކަމަށެވެ. އެގޮތުން "އީއައިއޭ"ގެ ރިޕޯޓާއި ގުޅިގެން އިއުލާނު ގައިވާ އަދަދަށް ވުރެ، ކަނޑާލުމަށް ހުއްދަ ލިބުނު ރުއްތަކުގެ އަދަދު މަދުވެފައި ވާތީ ލިބިފައިވާ ފައިސާގެ އަދަދުވެސް ކުރިން އިއުލާނާއި ގުޅިގެން ފާހަގަ ކޮށްފައިވާ އަދަދަށް ވުރެ މަދުވެފައިވާ ކަމަށެވެ.

އަދި އެކައުންސިލުން ބުނީ އެއީ ކައުންސިލުން ބަލަމުން އަންނަ ކަމެއް ކަމަށާއި، އަތޮޅުކައުންސިލާއި އެލްޖީއޭއިން ވަރަށް އަވަހަށް ރަށްރަށުގެ އޮޑިޓްތައް ހަދަން ފަށާނެ ކަމަށާއި އެ އޮޑިޓްތައް ނިމުމުން ހުރިހާކަމެއް ސާފުވެގެން ދާނެ ކަމަށެވެ. އަދި ކައުންސިލަށް ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

އެހެންނަމަވެސް އެރަށުން  ވާހަކަ ދެއްކި މީހަކު ބުނީ މުލަކުގެ އެކި ސަރަހައްދު ތަކުން ގިނަ އަދަދެއްގެ ރުއް ނިމިދިޔަ ކައުންސިލުގެ ދައުރުގައި ކަނޑާފައި ވާއިރު، އެ ރުއްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ހަތަރު ލައްކަ ރުފިޔާއަށްވީ ގޮތެއް ނޭނގިގެން ރައްޔިތުން އަބަދު ވެސް އެ ޝަކުވާ ކުރަމުން ދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް