ads
ދެވަނަ ފިޔަވަހި ފްލެޓްތަކެއް----
ހިޔާ ފްލެޓުގެ ދިރިއުޅުމުން 1 ދުވަސް!
ފަތިހު ފަހެއް ޖެހިއިރު އަރާމު ނިދިން ތެދުވީ ފޯނު އެލާމްވާ އަޑަށެވެ. ފަތިހު އެލާމުކޮށްގެން އޮންނަން ޖެހޭ ސަބަބު ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް ނޯޅޭނެ އެވެ. ފުރަތަމަ ސަބަބަކީ މިއީ އަދި ވެސް ކޮންސްޓްރަކްޝަން ސައިޓަކަށް ވުމެވެ. ދެ ވަނަ ސަބަބަކީ ފަތިހުގެ ވަގުތުގައި ގޮވާލާ ބަންގީގެ އަޑަށް ހޭލުމަކީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ނާދިރު ކަމަކަށް ވުމުންނެވެ.
Advertisement

މިތާގެ ބައެއް ޓަވަރުތަކަށް ބަންގި ގޮވާ އަޑު އިވެއޭ ކިޔާތީ ވެސް އަޑު އަހަމެވެ. ނަމަވެސް އަހަރެން އުޅޭ ފްލެޓަށް ބަންގި ގޮވާ އަޑު، ކީއްކުރަން ޖެހިގެން ހުންނަ ގޭގެ "ތެލީގެ ފޫކަހާލާ އަޑު" ވެސް ހަމަގައިމު ވެސް ނީއްވެއެވެ. ނަމަވެސް ކޮންކްރީޓް މަސައްކަތް ކުރާ އަޑާ ހެދި ނިދާލެވޭނީކީ ވެސް ނޫނެވެ.

ނަމާދުކޮށް ނިމިގެން ގޭގެ ދޮރުތައް ހުޅުވާލީ މެވެ. އުފާ ވެރިކަން ގެނެސް ދޭހާ ރީތި އިރު އަރާ މަންޒަރު އޮތީ ފެންނާށެވެ. އެ މަންޒަރުން އެކަނި ވެސް އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިރީތި ހިތްގައިމު މަންޒަރު ކަން ގައިމެވެ. ގައިމު ވެސް ކޮންމެ ދުވަހަކު ހޭލާއިރު ކަޓާފަ ހުންނަ އަހަރެންގެ މޫޑު ސިކުންތުކޮޅެއްގެ ތެރޭގައި ހަމަޔަކަށް އަޅުވާލަނީ މި މަންޒަރެވެ.

ނަމަވެސް މިމަންޒަރު ބަލަން އިނދެވޭ ހެއްޔެވެ؟ މާލޭގެ ތާށި، ހަރަދު ބޮޑު ދިރުއުޅުމުން އެއަށް ވުރެ ހަރަދުކުޑަ ދިރުއުޅުމަކަށް އެދި ސަރުކާރުތަކުގައި އެދިގެން އެތަޢް ޒަމާނެއް ފަހުން، ސިޔާސީ ވެރިން އެބުނާ "ކޮތަރު ކޮށި" ދިން އިރު މިތަނަށް ވެސް ލައްކައިން ހަރަދު ކުރަން ޖެހުނެ އެވެ. މަހެއްގެ މައްޗަށް ލިބޭ ލާރިކޮޅުގެ ދެބައިކުޅަ އެއްބައި އޮންނަނީ މިތަނުގެ ކުއްޔަށް ނުވަތަ އެހެން ވެސް ހަރަދުތަކަށް ދީ ހުސްވެފައެވެ. އެހެންވީމާ ގޭގައި އެންމެ ކުޑަމީހާއަށް އަހަރެން ހުއްޓަސް 18 އަހަރު ފުރޭ އިރަށް އަހަންނަށް ވެސް ވަޒީފާއަކަށް ނުގޮސް ފަރުޖެހޭކަށް ނެތެވެ. 

މާލެ އާއި ހުޅުމާލޭގެ ދިރިއުޅުން

އޮފީހަށް ދާން ތައްޔާރުވެގެން ސައި ބޯން ބެލި އިރު ގޭގައި ހުރި ކޮފީ ފުޅި ހުރީ ހުސްވެފައެވެ. ކޮފީ ޕެކެޓް އެއް ހާ މިންވަރު ވެސް ނެތެވެ. އަވަސް އަރުވާލައިގެން ފިހާރައަށް ދާން ނައްޓާލީ މެވެ. މުޅި މިތަނުގައި ވެސް ހުންނަ ހަމަ އެކަނި ފިހާރައަށް ދިޔުމަށެވެ. އެތަނުގައި ވިއްކަން ހުންނަ އެއްޗެހީގެ އަގު ވެސް އެހެން ތަންތަނާއި އަޅާ ކިޔާއިރު ކިތަންމެ ހާ ވެސް ބޮޑެވެ. 

އަހަރެން އެތަނަށް ގޮސް ކޮފީ ފުޅިއެއް ފެނޭތޯ ހޯދަހޯދާ ނުފެނުނެވެ. ފިހާރާގައި ހުރި ކުއްޖާ ގާތުގައި އެހުމުން އޭނާ ބުނީ އެތަނުން ކޮފީ ހުރީ ހުސްވެފައި ކަމަށެވެ. ކުރާނެ ކަމެއް ނެތެވެ. ކަމާ ކަން ފަށާފައި އަހަރެން އަނެއްކާ ދާންވީ ކޮފީ ފުޅިއެއް ގަންނާށޭ ކިޔާފަ ފުރަތަމަ ފިޔަވައްސަށް ހެއްޔެވެ. ދެވަނަ ފިޔަވަށްސަށް ބަދަލުވުމުގެ ކުރިން ތޮއްޖެހިގެން މާލޭގައި ދިރިއުޅު ގޭ ކައިރި ހުންނަ ކަންމަތީ ފިހާރަ މަތިން އެ ވަގުތު ވަރަށް ހަނދާންވިއެވެ. އޮފީހަށް ދާން ގަޑި ޖެހޭތީ އަހަރެން ދެން ނިންމީ ސައި ނުބޮއެ ދާށެވެ.

ގެއަށް ވަދެ ދަބަސް ނަގައިގެން ވަގުތަށް ބަހަށް އެރޭތޯ އެދިމާލަށް ދާން ނުކުތީމެވެ. ބަސް ސްޓޮޕާއި ހަމައަށް އެރުނު އިރު އެތަން އޮތީ ފުރިފައެވެ. ފުރަތަމަ ސްޓޮޕުން ބަސް ފުރިގެން ހިނގައްޖެ އެވެ. ދެވަނަ ސްޓޮޕާއި ހަމައަށް އައި އިރު އެތާ ތިބި މީހުންނަށް ޖެހުނީ ބަހުން ދާން ބޭނުން ނަމަ ކޮޅަށް ހުންނާށެވެ. މި އޮތްގެން ގަޑި ޖެހެނީ އެވެ. ކޮޅަށް ހުރެގެން ދާން ޖެހުނަސް ކޮންމެހެން ހަދާފައި ވެސް މި ބަހަށް އަރަން އެބަ ޖެހެއެވެ. 

މިހާރު އަހަރެންގެ ސައިކަލު ހެދިފައި ހުރި ނަމައޭ ހިތަށް އަރަ އެވެ. އަދި ސައިކަލެއް ގަންނާނެ ތަނަވަސްކަން ނެތް މީހުން ކޮންމެ ދުވަހަކު އުޅޭނެ ހާލު ވެސް އިހުސާސް ކުރެވި ދެކޮޅަށް ބޯހޫރާ ލެވުނެއެވެ.

ބަހުގެ ދަތުރު

ބަހަށް އެރިއިރު އަހަރެންގެ ހިތަށް ކުޅަދާނަ ނުވާ ވަރުގެ އެތަކެއް މަންޒަރެއް ބަހުގެ ތެރެއިން ވެސް ފެނުނެވެ. ބަރު ދަބަސް އަޅުވައިގެން ތިބޭ ކުޑަކުޑަ ކުދިން ވެސް ސްކޫލަށް ގަޑި އަށް ދާން ބޭނުން ވާތީ ކޮންމެހެން ހަދާފައި ވެސް މިޖެހެނީ ބަހުގައި ކޮޅަށް ހުންނާށެވެ. 

އުމުރުން ދުވަސްވީ ބޭބެ އެއް ވެސް ކޮޅަށް ހުރީ އިށީންނާނެ ތަނެއް ނެތިފައެވެ. އަހަރެން ގޮޑި އެއްގައި އިށީދެގެން އިން ނަމަ އެ ގޮޑިން ތެދުވެފައި އެ ބޭބެއަށް ދިނީމުސްކަން ގައިމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހަރެން ވެސް ކޮންމެ ދުވަހަކުހެން މިހުންނަން ޖެހެނީ ކޮޅަށެވެ. މީހަކަށް ވެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ 

މިއީ މިއަދު ދެވަނަ ފިޔަވަހީގައި ދިރި އުޅެމުންދާ މީހުން އުޅެން ޖެހިފައިވާ ހިތްދަތި ހާލެވެ. އަނެއްކާ މާލެ ދާ ނަމަ މި ޖެހެނީ ދެ ވަނަ ފިޔަވަހީން ފުރަތަމަ ފިޔަވައްސަށް އަންނަ ބަހުން ފައިބައިގެން މާލެ އަށް ދާ ބަހަށް އަރާށެވެ. މިއީ ވެސް ކިހާ ބޮޑު ތަކުލީފެއް ހެއްޔެވެ. ހިތާހިތާ ދެ ވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ އަހަރެން ކަހަލަ ނިކަމެތިންގެ ހާލާއި މެދު މާޔޫސްވެ ހިތްދަތިވެ ހުރެ އަނެއްކާ ވެސް މާލެ އަށް ދާ ބަހަށް އެރީމެވެ.

ލިފްޓުން އެޕާޓުމެންޓާއި ހަމަޔަށް ދިއުމަކީ ވެސް ކުރުކުރު ދަތުރެއް

މާލެ އަށް އައިސް އޮފީހަށް ވަދެވުމުން ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވުނެވެ. ނަމަވެސް އޮފީހުގެ މަސައްކަތްތައް މިއަދު ވަރަށް ބުރަ އެވެ. އަށް ގަޑިއިރު މަސައްކަތް ކޮށް ނިންމާފައި ވަރު ބަލިވެގެން އަނެއްކާ ވެސް އައިސް އަރަން މި ޖެހުނީ ގަޑިއެއް ހާއިރު ހޭދަވާ އެއް ކަލަ ދެ ބަހަށެވެ. މާލެ އިން ދެ ވަނަ ފިޔަވައްސަށް ބަހެއް އޮންނަ ނަމަ ކިހާ ފަސޭހަ ވީސް ހެއްޔެވެ.

ޓަވަރަށް ވަދެވުމާ އެކު ލިފްޓާ ދިމާއަށް ދެވުނު ގޮތެއް ވެސް ނޭނގެ އެވެ. ލިފްޓް ކައިރީ މީހުން ތިބީ ތޮއްޖެހިފައެވެ. އަހަރެން ދިރިއުޅޭ ޓަވަރުގައި ހުންނަ ތިން ލިފްޓުން އެކަތި ހުރީ ތާށިވެފައެވެ. އޭގައި ތިބި މީހުން ސަލާމަތަށް އެދި ލިފްޓް ދޮރުގައި ތަޅާ އަޑު ވެސް އިވެމުން ދިޔައެވެ.

އަހަރެން އެތާ ހުރި ދައްތަ އެއް ކައިރީ ވެގެން އުޅޭ ގޮތް އަހާލުމުން ބުނީ އެ މީހުން ނެރޭނެ ގޮތެއް ނެތިގެން އުޅޭތާ މިހާރު ދެ ގަޑިއިރު ވަރު ވެދާނެ ކަމަށެވެ. ކަމާބެހޭ ފަރާތްތަކަށް ގުޅިޔަސް އެމީހުން ވެސް އަންނަނީ އެހާ ލަހުންނެވެ. 

ލިފްޓަށް އަރަން ބިރުން ހުރި ނަމަވެސް އަހަރެން ލިފްޓަށް އެރީ އަހަރެން ދިރިއުޅޭ އެޕާޓްމަންޓަށް ހިނގާފައި ސިޑިން އެރުމަކީ ކުޅަދާނަވަރު ކަމަކަށް ނުވާތީ އެވެ. ނަސީބު ރަނގަޅުކަމުން އަހަންނަށް ސަލާމަތުން ގެއާ ހިސާބަށް އާދެވިއްޖެ އެވެ. ހިތް ހަމަ ޖެހިފައި ހުރެ ގޭގެ ދޮރު ހުޅުވާލައި ގޭތެރެއަށް ވަނީމެވެ.

އެނބުރި ގެއަށް އަޔަސް އަދި އުފަލެއް ނެތް

ކަންތަކާ މިއޮތީ ޖެހިފަ އެވެ. ގޭތެރެ ބަލާލަން ނުކެރޭ ވަރަށް ގޭތެރެއަށް ވަނީ ހިރަފުސް ވަދެ ފުރިފައެވެ. އޮފީހަށް ދިޔުމުގެ ކުރިން ހުޅުވި ބެލްކަނީ ދޮރު ލައްޕާލަން އަހަރެން ހަނދާން ނެތުނީ އެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ. ދެން މިޖެހުނީ ވަރުބަލިވެ ހުރެ އަނެއްކާވެސް އަނެއް މަސައްކަތް ފަށާށެވެ. ވެފައިވާ ވަރުބަލިކަމާއެކުވެސް ގޭތެރެ ސާފު ކުރުމައިގެން އުޅެގަތީމެވެ.

ކުނި ތަކާއި ހެދި ގޭތެރެއަށް ވަންނަ މެހީގެ އުނދަގޫ ވެސް ތިރި ބައެއް ގޭގެއަށް ވަރަށް ގަދައަށް ކުރެއެވެ. މަތީގައި އުޅޭތީ ނަސީބެކޭ ހިތަށް އަރާ ވަގުތުތަކަށް ވުރެ ގިނައީ، މަތީގައި އުޅުމެކޭ ތިރީގައި އުޅުމެކޭ ވަކި ތަފާތެއް ނެތޭ ހީވާ ވަގުތުތަކެވެ. ތިރީ ފުލޯ ތަކުގައި ދިރިއުޅޭ މީހުންނަށް ހިރަފުހުގެ އުނދަގޫ މާ ބޮޑަށް ކުރާނެ ކަން ގައިމެވެ. 

އެތާ ބޭރުގައި އޮންނަ ވެލިގަނޑު އޮންނަނީ ގޭތެރެއަށް ވަދެފަ ކަހަލަ ގޮތަކަށެވެ. އެހާ ވެސް ހިރަފުހުގެ އުނދަގޫ ބޮޑެވެ. ގޭތެރެ ސާފުކޮށް ނިންމާލާފައި ފެންވަރާ ރީތި ވެލައިގެން އެނދަށް އަރާ ގޮތަށް ވަގުތުން ނިދޭނެ ކަން ގައިމެވެ. ނަމަވެސް އަހަރެން ފުރަތަމަ ބެލީ ބަނޑުހައިވެފައި ހުރިވަރުން އެއްޗެއް ކެވޭތޯއެވެ. 

އެއަށް ފަހު ނިދުމުގެ ކުރިން ކާޓެއިން ކަހާލާ ބޭރު ބަލާލީ މެވެ. މުޅި މި ދެ ވަނަ ފިޔަވަހީގައި އަހަރެންގެ ހިތްހަމަ ޖެހޭ ހަމައެކަނި ކަމަކީ މި ރީތި ވިއު އެކަނި ކަން ނޭނގެ އެވެ. އެހެން ނޫނީ މިތަނުން ލިބޭ އެހެން އުފަލެއް ނެތެވެ. ހުރިހާ ކަމެއްގައި ވެސް ވޭނާ ތަކުލީފެވެ. ހާސް ކަމާއި ބިރުވެރި ކަމެވެ. މިއީ އެކަމަކު އެތައް ހާސް މީހުންނެއް ދިރިއުޅެން ދީފައި ހުރި ތަންތަނެވެ. 

އިންސާނުންނަށް ދިރިއުޅެވޭނެހެން ކަންތައްތައް ހަމަ ޖައްސާފައި ދިން ނަމަ ރަނގަޅެވެ. މިފަދަ ޝަކުވާއެއް ކޮށްލިޔަސް އަގަތެރޭ ބަސް އޮއްވާ ސިޔާސީ ވެރިން ކޮންމެ ފަހަރަކު ބުނަނީ ކަންތައްތައް ހަމަޖެހޭނެ  ކަމަށެވެ. ހަމަ ޖެހޭނީ ކޮން އިރަކުން، ކޮންތާކު ކިހިނެއް ކަމެއް ނޭނގެ އެވެ. އެއްވެސް ކަމެއް ވާ ތަނެއް އަހަރެންގެ ލޮލަކަށް ނުފެނެއެވެ. 

މިހާރު މި ހިޔާ ފްލެޓުތަކަށް އެތައް ހާސް މީހުންނެއް ބަދަލުވި ފަހުން ވެސް ހަތަރު މަސް ވަރު ވެދާނެއެވެ. މި ސަރުކާރުން ވެސް މިތަން ނުދީ އެހާ ދުވަހު ހިފެހެއްޓީ މިއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެއެވެ. އެކަމަކު މިހާރު ވެސް މިތަނުގައި ދިރިއުޅޭ މީހުން މިއުޅެނީ އެއްކަލަ މާލޭގައި އުޅުނު ކުޑަކުޑަ އަލިފާން ފޮއްޓެއްވަރު ތަންތަނަށްވުރެ ދަތި ހާލުގައެވެ. އޭރު އުނދަގޫތައް އޮތީ ހަމައެކަނި ގޭތެރޭގަ އެވެ. މިހާރު ދިރިއުޅުމުގެ ކޮންމެ ސިކުންތެއް މިހޭދަވަނީ އުނދަގުލުގައެވެ. 

މިއީ ހިޔާ ފްލެޓް ސަރަހައްދަށް ބަދަލުވި އެތައް ހާސް މީހުންގެ ތެރެއިން އަހަރެންގެ ދިރިއުޅުން މިތަނުގައި ހޭދަވާ ގޮތުގެ ވާހަކަ އެވެ. 

15%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް