މާބަނޑު ނޫސްވެރިޔަކު ގައުމަށް އެނބުރި އަންނާނެ ގޮތެއް ނެތިގެން ތާލިބާނުންގެ އެހީ އަށް އެދުނެވެ.
ޗާލޮޓް ބެލީސް ތާލިބާނުންގެ އެހީ ހޯދީ ކީއްވެ؟
ނިއުޒީލެންޑްގެ ހެރަލްޑް ނޫހަށް ލިޔުއްވި ކޮލަމްގައި މިސް ބެލީސް ބުނީ ވިހެއުމަށްޓަކައި އެނބުރި ގައުމަށް ދިއުމަށް ނިއުޒީލަންޑް ސަރުކާރަށް ހުށަހެޅި ހުށަހެޅުން މިދިޔަ ހަފްތާގައި ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.
މިހާރު ވެލިންގްޓަންއިން ރައްޔިތުންނާއި ދާއިމީ ރަށްވެހިންނަށް އެތެރެވުމުގެ ހުއްދަ ލިބިދީފައިވާއިރު، ކަރަންޓީން ހޮޓާތަކުގައި އައިސޮލޭޓްވުމަށް 10 ދުވަސް ހޭދަކޮށްފައި ނުވާ ނަމަ އެތެރެ ވުމުގެ ހުއްދަ އެއް ނުދެއެވެ.
މިފަދަ ތަންތަނަށް ބޮޑު ޑިމާންޑެއް އޮވެފައި، މަދު ސްޕޮޓްތަކެއް ހުރުމުން، އެނބުރި އަންނަން ބޭނުންވާ ނިއުޒީލަންޑްގެ ގިނަ ރައްޔިތުންނަށް ވަނީ އެ ގައުމަށް އެތެރެވާނެ ގޮތެއްނެތި ބަންދުވެފައެވެ.
ކައިވެނިނުކޮށް ހުރި މާބަނޑު އަންހެނެއްގެ ގޮތުގައި އަފްޣާނިސްތާނުގައި އޭނާއަށް މަރުހަބާ ކިޔާނެތޯ ސުވާލު ކުރުމަށް ތާލިބާނުންނަށް ގުޅައި ތާލިބާނުން އޭނާ އަށް ކަންތައްކޮށްދިން ގޮތުގެ ތަޖުރިބާ އޭނާ ވަނީ ހިއްސާ ކޮށްފައެވެ.
މިސް ބެލީސް އާއި އޭނާގެ ބައިވެރިއެއް ކަމަށްވާ ބެލްޖިއަމްގެ ފޮޓޯޖާނަލިސްޓެއް މިދިޔަ އަހަރު އަފްޣާނިސްތާނުގައި އުޅުނީ އެމެރިކާ ސިފައިން އަނބުރާ ގެންދިއުމުގެ ހަބަރުތައް ކަވަރު ކުރުމަށެވެ.
"ތިގޮތަށް އާދެވިދާނެ އަދި އެއްވެސް މައްސަލައެއް ނުޖެހޭނެ. ހަމައެކަނި ކައިވެނިކޮށްގެން އުޅޭ ކަން މީހުންނަށް ބުނެދީ. އެކަން ބޮޑުވެއްޖެ ނަމަ އަހަރެމެންނަށް ގުޅާ" އޭނާގެ އެދުމަށް ރައްދުދިން އޮފިޝަލުންގެ ނަން ހާމަނުކޮށް އެމީހުންނާއި ހަވާލާދީ މިސް ބެލީސް ބުނެފައިވެއެވެ.
"ތާލިބާނުން، މާބަނޑު، ކައިވެނި ނުކޮށް ހުރި އަންހެނަކަށް ހިމާޔަތާއި ރައްކާތެރި ތަނެއް ދޭއިރު ތިބާގެ ހާލަތު އޮޅުން ބޮޅުން ވެފައިވާކަން އެނގޭ،" ތާލިބާނުންނާ ހަވާލާދީ އޭނާ ލިޔެފައިވެއެވެ.
އަފްޣާނިސްތާނުގެ އެކަނިވެރި މައިންނަށް ތާލިބާނުންގެ އޮފިޝަލުން އާންމުކޮށް ފުރައްސާރަކޮށް، ދަރިން ދޫކޮށްލަން ޕްރެޝަރުކޮށް، އެމީހުންގެ ކަސްޓޯޑިއަލް ހައްގުތައް ނުރައްކަލަށް ހުށަހެޅޭ ކަމަށް އެމީހުން ރިޕޯޓްތައް ބުނެއެވެ.
އޭނާގެ ކޮލަމް އަށް ލިބުނު ޖަވާބަކީ ކޮބާ؟
މިސް ބެލީސްގެ ސިޓީ ޝާއިއުކުރި ފަހުން، ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން، މާބަނޑު އަންހެނުންނަށް ހާއްސަ ކޮށްގެން، އިމަޖެންސީ ކަރަންޓީން އެލޮކޭޝަން ކްރައިޓީރިއާ އަށް ބަދަލު ގެނައުމަށް ގޮވާލާ އަޑުތައް ވަނީ ފެތުރިފައެވެ.
މި ނިޒާމުގެ ސަބަބުން ނިއުޒީލެންޑަށް އާދަޔާ ޚިލާފަށް ރަނގަޅު ޚިދްމަތްތަކެއް ކުރެވި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވޭ މީހުންގެ ފުރާނަ ސަލާމަތް ކުރެވި، ސިއްހީ ނިޒާމު ގެނބިގެން ދިޔަ ނުދީ ހިފެހެއްޓިފައިވާ ކަމުގައި އޮފިޝަލުން ވަނީ ބުނެފައެވެ.
އިތުރަށް ބުނެފައިވަނީ ނިއުޒީލަންޑްގެ އޮފިޝަލުން މިސް ބެލީސްއަށް ވަކި އިމަޖެންސީ ކެޓަގަރީއެއްގެ ދަށުން އަނެއްކާ ވެސް ވިސާއަށް އެދުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.
މިސް ބެލީސް ބުނި ގޮތުގައި އޭނާގެ އުނދަގޫތަކާއި އެކު އާންމުންގެ ތެރެއަށް ނިކުތުމުން ފަހުން އެހެން ގައުމަކުން ވެސް އޭނާއަށް ހިމާޔަތް ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޮބްޒާވަރުންނާއި، ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، އަފްޣާނިސްތާނު މީހުންގެ އަމިއްލަ ފާޑުކިޔުންތައް ވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ.
"މި ވާހަކައަކީ ތާލިބާނުން އަފްޢާނިސްތާނު މީހުންނާއި، އަފްޣާނިސްތާނު ނޫން އެހެން މީހުންނާ މެދު އަމަލުކުރާ ތަފާތު ގޮތް ދައްކުވައިދޭ ވާހަކައިގެ ސިލްސިލާއެއް،" އޮސްޓްރިއަން-އަފްޣާނިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ އެމްރާން ފީރޯޒް ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
އަފްޣާނިސްތާނުގެ ނޫސްވެރިންގެ ގޮތުގައި ދެކެމުން އައި ނޫސްވެރިންނަށް ގިނަ ފަހަރަށް ބިރު ދެއްކުމާއި، ބަޑިޖެހުމާއި، އަނިޔާކުރުމާއި، މީހުން މެރުމުގެ މައްސަލަތައް ކުރިމަތިވާއިރު އަފްޣާނިސްތާނު ނޫން އެހެން މީހުންނަށް ހުރިހާ ގޮތަކުން ވެސް މަރުހަބާ ކިޔައި، މަޑުމައިތިރި ކަމާއެކު މުއާމަލާތް ކުރާކަމަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.