ads
ފޮޓޯ: މީރާ
އިންކަމް ޓެކްސް ގަވާއިދުގެ 4 ވަނަ އިސްލާހަށް އާންމުންގެ ހިޔާލު ހުށަހަޅަން ބާކީ އެއް ދުވަސް
އިންކަމް ޓެކްސް ގަވާއިދަށް ގެންނަ ހަތަރު ވަނަ އިސްލާހަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލި މުއްދަތު މާދަމާ އަށް ހަމަވާނެ ކަމަށް މީރާއިން ބުނެފި އެވެ.

ވިހިވިހީގައި މީރާއިން ނަގަން ފެށި އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ހަތަރު ވަނަ އިސްލާހަށް އާންމުންގެ ހިޔާލު ހޯދުމަށް އެމުއައްސަސާއިން ހުޅުވާލީ ޖެނުއަރީ 24ގަ އެވެ. އަދި މުއްދަތު ހަމަވާނީ 3 ފެބްރުއަރީގަ އެވެ.

މީރާއިން ބުނެފައިވަނީ ޓެކްސްއާ ބެހޭ ގަވާއިދުތައް ޝާއިއުކުރުމުގެ ކުރިން، އެ ލިޔެކިޔުންތައް ވަރަށް ފުޅާ ދާއިރާއެއްގައި އާންމުންގެ ހިޔާލަށް އެ މުއައްސަސާއިން ހުޅުވާލާކަމަށެވެ. އަދި ހިޔާލަށް ހުޅުވާލާ ލިޔެކިޔުންތަކަށް ފަންނީގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ވެސް ހިޔާލު ފާޅުކުރެވިދާނެ ކަމަށެވެ.

އިންކަމް ޓެކްސް ގަވާއިދަށް ގެންނަ ހަތަރު ވަނަ އިސްލާހުގެ ޑްރާފްޓްގެ ދެލިކޮޕީ އަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތައް [email protected] އަށް އީމެއިލް ކުރުމަށް މީރާއިން ވަނީ އިރުޝާދު ދީފަ އެވެ. މިރާއިން ބުނީ މި އީމެއިލް ބޭނުން ކުރާނީ ހަމައެކަނި އާންމުންނަށް ކޮމެންޓް ކުރުމަށް ހުޅުވާލާފައިވާ ދެލިކޮޕީތަކުގެ ކޮމެންޓް ބަލައިގަތުމަށް ކަމަށާއި އެހެނިހެން ކަންކަމަށް ކޮމެންޓްކުރުމަށް މި އީމެއިލް ބޭނުންނުކުރުމަށް އިލްތިމާސް ނުކުރާކަމަށެވެ.

އިންކަމް ޓެކްސްގެ ގަވާއިދަށް ހަތަރު ވަނަ އިސްލާހު ގެނައުމަށް މީރާއިން ޝާއިއުކޮށްފައިވާ ދެލިކޮޕީގައި ވަނީ ހަ ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން 36 ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމާއި، އެމާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން 44 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 101 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމާއި، އެމާއްދާގެ (އ) ގެނެވޭ އިސްލާހެއް އަދި 103 ވަނަ މާއްދާއަށް ގެނެވޭ އިސްލާހެއް ހިމެނެއެވެ.

އިންކަމް ޓެކްސް ނަގަނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން 60،000ރ. ލިބޭ މީހުންގެ އަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް