ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މާލޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓް ނޫން ކަމަށެވެ. ހުޅުމާލެ އިން މަދުވެގެން 4،000 ގޯތި ދެވެން އެބަ އޮތް ކަމަށާއި، ގުޅިފަޅު ހިއްކައިގެން ވެސް މަދުވެގެން 10،000 ގޯތި ދެވޭނެ ކަމަށެވެ.
އަދި ހުޅުމާލެއިން 15،000 ފްލެޓްގެ އިތުރުން ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އެހެން ކަމުން އެންމެ ހައެއްކަ ހާސް ގޯތި މާލެ ރައްޔިތުންނަށް ހައްގުވާ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލް އިން ތައްޔާރު ކޮށްފައިވާ، ސްޓްރީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ސަރުކާރުން ކޮޕީ ކޮށްގެން ވެސް މާލެ ރައްޔިތުންނަށް ކައުންސިލުން ކަނޑައަޅާފައިވާ ކަންކަން ކޮށްދީ ރައްޔިތުން އެދޭ މަންޒިލަށް ވާސިލް ވާނަމަ އެކަމާ މެދު އުފާ ކުރާ ކަމަށެވެ.
ކައުންސިލުން ފާސްކޮށްފައިވާ، ސްޓްރީޖިކް އެކްޝަން ޕްލޭންގައިވާ ކަންކަން ކުރަން ސަރުކާރުން ކައުންސިލް އަށް އެއްވެސް އެއްބާރުލުމެއް އަދި ނުދެއްވާ ކަމަށް ވިދާޅުވެ، މޭޔަރު ވިދާޅުވީ، މާލެ ރައްޔިތުން ނިންމެވި ޑިމޮކްރަޓިކް ނިންމުން ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި، މިއީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅިވެފައި ވާއިރު، 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ސޯލިހު ވަނީ، އަންނަ ޖޫން މަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ހުޅުމާލެއް މަދުވެގެން 1000 ކަނޑާފައި ދެއްވާނެކަމަށާއި އަދި ގުޅިފަޅުން 2000 ގޯތި ދޭނެ ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމަށް ފަހު އެތަނުންވެސް 2000 ގޯތި ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.